ޚަބަރު

މާހީއަށް ގޭގެ ކައްކާ ވަޅިން ބިރުދައްކައިފި


ޓިވީ ތަރި މާހީ އަށް އޭނާ ގޭގައި ގެންގުޅުނު ކައްކާ މީހާ ވަޅިން ބިރު ދައްކައިފިއެވެ.

ޓީވީ ތަރި އަދި ހޯސްޓު ޖޭ ބަނުޝާލީ އާއި ކައިވެނިކޮށްގެން އުޅޭ މާހީ ބުނިގޮތުގައި ރައްޓެއްސެއް މެދުވެރިކޮށް ވަގުތީ ގޮތުން ގެންގުޅުނު ކައްކާ މީހާ އެގެއިން ވައްކަން ކުރާތަން ދަރިފުޅު ބަލަހައްޓާ ނޭނީ އަށް ފެނުނެވެ. އެއާއިއެކު ކައްކާ މީހާއަށް މުސާރަ ދީފައި ފޮނުވާލަން އުޅުމުން ފައިސާ އިތުރަށް ދޭން ބުންޏެވެ. ނަމަވެސް އިތުރަށް ފައިސާ ނުދިނުމުން އޭނާ މާހީއަށް ވަޅިން ބިރުދެއްކީކަމަށް މާހީ ބުންޏެވެ.

މި މައްސަލަ މުމްބާއި ޕޮލިހަށް ހުށަހެޅުމުން ކައްކާ މީހާ މިހާރު ވަނީ ޖަލައްލާފައެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ މިނިވަން ވާން އުޅޭ ޚަބަރު އަޑު އަހާފައިވާކަމަށް މާހީ ބުންޏެވެ. އަދި އެހެން ވެއްޖެނަމަ އޭނާއާއި އާއިލާއަށް އަނެއްކާވެސް ބިރުވެރިކަން އެބައޮތް ކަމަށާއި އޭނާ ހަމައެކަނި ވިސްނަނީ ދަރިފުޅާއި ދޭތެރޭކަމަށްވެސް މާހީ ވަނީ ބުނެފައެވެ.

މޮޑެލްކޮށް އެކްޓުވެސް ކުރާ މާހީ ކުޅެފައިވާ ސީރީޒްތަކުގެ ތެރޭގައި "ބަލިކާ ވަދޫ" އަދި "ލާގީ ތުޖުސެ ލަގާން" ހިމެނެއެވެ.

2011 ވަނަ އަހަރު މާހީ އާއި ޖޭ ކައިވެނިކުރީ 2011 ވަނަ އަހަރު އެވެ. 2013 ވަނަ އަހަރު ދެއްކި "ނަޗް ބަލިޔޭ" ގެ ފަސްވަނަ ސީޒަން ކާމިޔާބު ކުރީ ޖޭ އާއި މާހީ އެވެ. މީގެއިތުރުން މާހީ ވަނީ "ޖަލަކު ދިކްލާޖާ" ގެ ހަތަރު ވަނަ ސީޒަން، ފިއާ ފެކްޓާ އަދި ޙަތުރޯންކޭ ކިލަޅީގެ ހަތް ވަނަ ސީޒަނުންވެސް ފެނިފައެވެ.

ޖޭއާއި މާހީ ވަނީ 2017 ވަނަ އަހަރު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އެޑޮޕްޓުކޮށްފައެވެ. އެއީ ރާޖޭވީރު އާއި ހުޝީއެވެ. އަދި 2019 ވަނަ އަހަރު އެމީހުންނަށް ވަނީ އިތުރު އަންހެން ކުއްޖަކުވެސް ލިބިފައެވެ.