ޚަބަރު

ކަޕިލް ޝަރުމާގެ މައްސަލައެއް ނިއުޔޯކު ކޯޓަށް


މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ މައްސަލައެއް ނިއުޔޯކު ކޯޓަށް ހުށަހަޅައިފިއެވެ.

ޓީމާއިއެކު މިހާރުވެސް ޓުއާ އެއްގައި އުޅޭ ކަޕިލްގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ 2015 ވަނަ އަހަރު ދެކުނު އެމެރިކާގައި އޮތް ޓުއާ އަކާއިގުޅޭ އެއްބަސްވުމާއި ޚިލާފުވެގެންނެވެ.

ނިއުޖާޒީއަށް ނިސްބަތްވާ ކުންފުންޏެއްކަމަށްވާ ސައި ޔޫއެސްއޭ އިން ކަޕިލް އާއި ދެކޮޅަށް މައްސަލަ ހުށަހެޅީ 6 ހަފްތާ ވަންދެން ހުށަހަޅަން ކޮންޓްރެކްޓްކޮށްފައި އޮތް ޝޯއެއް، ކޮންޓްރެކްޓާ ޚިލާފަށް ކަޕިލް 5 ހަފްތާއަށް ހުށަހެޅުމުންނެވެ.

މި މައްސަލަ ފެންމަތިވުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭނެކަމަށް ކަޕިލް ވަނީ ބުނެފައެވެ. ނަމަވެސް ސައި ކުންފުނިން ވަނީ ކަޕިލް އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. މިކަން އެމީހުންގެ ފޭސްބުކް ޕޭޖްގައިވެސް ވަނީ އިޢުލާނުކޮށްފައެވެ.

އެ ކުންފުނީގެ ވެރިޔާ އަމިތު ޖެއިތުލީ ބުނިގޮތުގައި ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ދޭނަމޭ ކަޕިލް ބުނެފައިއޮތް ނަމަވެސް މިއަދާ ހަމައަށްވެސް ކަޕިލް އާއި ގުޅޭގޮތެއް ވެފައެއްނުވެއެވެ. އަދި މި މައްސަލަ މިހާރު ވަނީ ނިއުޔޯކް ކޯޓަށް ހުށަހަޅާފައި ކަމަށާއި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެމީހުން އަޅާނެކަމަށްވެސް އަމިތު ވަނީ ބުނެފައެވެ.

ކަޕިލްއާއި އޭނަގެ ޓީމުން މިހާރު އުޅެނީ ޓުއާ އެއްގައިގޮސް ދެކުނު އެމެރިކާގައެވެ. މި ޓުއާގެ ފޮޓޯ އާއި ވީޑިއޯވެސް ކަޕިލް ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ކަޕިލްގެ ޝޯގެ ސީޒަން މިހާރު ނިންމާލާފައިވާއިރު އައު ސީޒަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެއެވެ.