ޚަބަރު

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގުރާމުގެ 6 ވަނަ ސެޝަން ބާއްވައިފި


"ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"ގެ 6 ވަނަ ސެޝަން ބާއްވައިފިއެވެ.

މި ސެޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގުޅިގެން ކުރިޔަށްގެންދާ ސެޝަނެކެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި، ބޭއްވި މިސެޝަންގެ މައުޟޫޢަކީ "ކްރިއޭޓިންގ އެންޑް ލީޑިންގ އަ ގްރޯތް މައިންޑްސެޓް – ސީކްރެޓްސް ޓު އެކްސަލެންސް"އެވެ. މި ސެޝަން ނަންގަވައިދެއްވީ އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރެއްވުމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ)ގެ ރައީސް ޙުސައިން އަފީފެވެ.

މި ސެޝަންގައި ތަރައްޤީއާއި ކުރިއެރުމުގެ ފަހި ވިސްނުން އޮތް މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކުރެވިދާނެ ކަންކަމާއި، ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމުގެ ސަގާފަތެއް ބިނާކުރާނެ ގޮތާއި، އެ ފަދަ ސަގާފަތެއް އަށަގެންނެވުމަށް އިދާރާތަކުގެ އިސްވެރިން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި މަޢުލޫމާތު ދެއްވައިފައިވެއެވެ.

ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން މި ސެޝަންގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2021-2023"އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 27 ވަނަ ދުވަހު އިފުތިތާހު ކުރައްވައިފައިވާ ޕުރޮގުރާމެކެވެ.

މިއީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕުރޮގުރާމެކެވެ. މި ޕުރޮގުރާމުގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.