ޚަބަރު

ދުވަހަކުވެސް ޕްލާސްޓިކް ސާޖަރީއެއް ނަހަދާނަން: އަލާޔާ


ދުވަހަކުވެސް ޕްލާސްޓިކް ސާޖަރީއެއް ނަހަދާނެކަމަށް ބޮލީވުޑްގެ އަރަމުން އަންނަ ތަރި އަލާޔާ އެފް ބުނެފިއެވެ.

އަލާޔާ ބޮލީވުޑަށް ތަޢާރާފުވެފައިވަނީ 2020 ވަނަ އަހަރު ރިލީޒްކުރި "ޖަވާނެ ޖާނެމަން" އިން އެވެ. މި ފިލްމުން އޭނާ ވަނީ އެއަހަރުގެ ފިލްމް ފެއަރ އެވޯޑުން ބެސްޓް ފީމޭލް ޑެބިއު އެވޯޑްވެސް އުފުލާލާފައެވެ.

އިންސްޓަގްރާމްގެ އާސްކު މީ އެނީތިންގް ރައުންޑްގައި ދުވަހަކުވެސް ޕްލާސްޓިކް ސާޖަރީއެއް ހެދިންތޯ ސުވާލުކުރުމުން އަލާޔާ ބުނީ ދުވަހަކުވެސް ނަހަދާ ކަމަށާއި، އެކަހަލަ ސާޖަރީއެއް ހަދާނެ ހިތްވަރެއް އޭނާގެ ކިބައިގައި ނެތްކަމަށެވެ.

ސައިފް އަލީ ޚާނާއިއެކު "ޖަވާނެ ޖާނެމަން" ގެ ލީޑްރޯލުން ފެނުނު އަލާޔާގެ ކުރިއަށްހުރި ހުރިހާ ފިލްމުތަކެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އޭނާ ބުންޏެވެ.

އަލާޔާ ދެން އެންމެ އަވަހަށް ފެންނާނީ 2018 ވަނަ އަހަރު ދެއްކި ބްލޮކްބާސްޓާ ކަނަޑާ ތްރިލާ ފިލްމު "ޔޫ ޓާން" ގެ ހިންދީ ރީމޭކުންނެވެ. 2018 ވަނަ އަހަރު މި ފިލްމުގެ ތެލުގޫ ރީމޭކެއްވެސް ވަނީ ހަދާފައެވެ. މީގެ ލީޑްރޯލުން ފެނުނީ ސަމަންތާ ރުތު ޕްރަބޫއެވެ. މި ފިލްމުގެ މަލަޔާލަމް، ބެންގާލީ އަދި ތަމަޅަ ވާޝަނެއްވެސް އޮވެއެވެ.