ދުނިޔެ

ޙަމަލާއަށްފަހު އިންޑިޔާ ޕާކިސްތާނުގެ ސުލްޙައަށް ގޮންޖެހުންތަކެއް


އިންޑިއާގެ ޕަންޖާބުގައި ހުންނަ އެޤައުމުގެ ވައިގެ އަސްކަރީ މަރުކަޒަކަށް މިމަހުގެ ކުރީކޮޅު ހަނގުރާމަވެރިންގެ ބަޔަކު ދިން ޙަމަލާގެ ސަބަބުން، އިންޑިއާއާ ޕާކިސްތާނާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ ލަހޯރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާގެ ސަރުކާރުގެ އިސް ބޭފުޅުން ޕާކިސްތާނަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށާ މިއީ ދެގައުމުގެ ގުޅުން އަލުން އާރާސްތުކުރުމުގައި އެޅި ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. އެހެން ނަމަވެސް ޕަތަންކޮޓްގައި ހުންނަ އިންޑިއާގެ ވައިގެ އަސްކަރީ މަރުކަޒަށް ދިން ޙަމަލާއާއެކު މިމަސައްކަތުގައި ފަހަތަށް ޖެހިފައިވާ ކަން ވެސް ނަވާޒް ޝަރީފް ފާހަގަކުރެއްވިއެވެ.ޕާކިސްތާނުގެ ބޮޑު ވަޒީރު ވަނީ މި ޙަމަލާއާ ޕާކިސްތާނުގެ އެއްވެސް ފަރާތަކާ ގުޅުން ހުރިނަމަ އެފަދަ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އިންޑިއާގެ ވައިގެ އަސްކަރީ މަރުކަޒަށް ދިން ޙަމަލާގައި އިންޑިއާ ސިފައިންގެ 7 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ.