ސޫރިޔާގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ނުހުއްޓާނަމަ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރި ނުވާނެ ކަމަށް ސޫރިޔާގެ އިދިކޮޅު އެންމެ ބޮޑު އިއްތިހާދުން ހާމަކޮށްފިއެވެ.މި އިއްތިހާދުން މިކަން ހާމަކޮށްފައި ވަނީ ސުވިޓްޒަލޭންޑްގެ ޖެނީވާގައި ބާއްވާ ވާހަކަތަކުގައި ބައިވެރިވުމަށް ސަރުކާރާ އިދިކޮޅު ވަފުދުތައް އެރަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.2011 ވަނަ އަހަރުގެ މާޗް މަހު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި އަދި ސިޔާސީ ހައްލެއް ހޯދުމުގެ މަޤްސަދުގައި ވާހަކަތައް ބޭއްވުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހުން ދެލި ކޮޕީއެއް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.މިކަން ހާސިލްކުރުމަށް ހުސްވި އަހަރުގެ ފަހުކޮޅުން ފެށިގެން އދން މަސައްކަތް ކުރަން ފަށާފައިވާއިރު، މި ވާހަކަތައް ކާމިޔާބު ކުރުމަށް އެމެރިކާއާ ރަޝިޔާއިން ވެސް ވަނީ ގިނަ ގުނަ މަސައްކަތްތަކެއްކޮށްފައެވެ. މި ވާހަކަތައް އެންމެ ފުރަތަމަ ތާވަލުކުރީ މިމަހުގެ 25 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ވާހަކަތަކުގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބައިވެރިވާނެ ވަފުދެއް ކަނޑަ ނޭޅި ވާހަކަތަކުގެ މައިގަނޑުބައި މިވަނީ އަނެއްކާވެސް މިއަދަށް ފަސްކުރެވިފައެވެ.ސުވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ވާހަކަތަކުގައި ބައިވެރިވުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ވަފުދުތައް މިހާރު ވަނީ އެރަށަށް ގޮސްފައެވެ. އެހެން ނަމަވެސް، މިހާރު ވެސް މިވާހަކަތަކުގައި ބައިވެރިނުވުމަށް ނިންމިދާނެ ކަމަށާ އިދިކޮޅު ފަރާތްތަކުން މިހާތަނަށް ކޮށްފައިވާ ޑިމާންޑްތަކަށް އިޖާބަ ނުދޭނަމަ މިގޮތަށް ނިންމާނެ ކަމަށް އިދިކޮޅު ވަފުދުގައި ހިމެނޭ ޖަމާޢަތަކުން މިވަނީ ބުނެފައެވެ.ސޫރިޔާގެ އިދިކޮޅު އެންމެ ބޮޑު އިއްތިހާދު ހައި ނެގޯޝިއޭޝަން ކޮމިޓީ އެޗް.އެން.ސީއިން ބުނެފައިވަނީ ސޫރިޔާގެ ސަރުކާރުން އެޤައުމުގެ ރަށްތަކަށްދެމުންގެންދާ ވައިގެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާ އިންސާނީ އެހީގެ ސާމާނުން މަޙްރޫމްވެފައި ތިބި ސޫރިޔާގެ ރަށްތައް އެކަމަށް ހުޅުވާލަން ޖެހޭ ކަމަށެވެ. އަދި މި ޑިމާންޑްތައް ފުރިހަމަ ނުވަނީސް ސޫރިޔާގެ ސަރުކާރާ އެކު މަޝްވަރާތަކުގައި ބައިވެރިނުވާނެކަން ވެސް އެޗް.އެން.ސީއިން ވަނީ ހާމަކޮށްފައެވެ.އެއިއްތިހާދުން ވާހަކަތަކުގައި ބައިވެރިނުވާނަމަ ވާހަކަތައް ކާމިޔާބު ވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް މުރާސިލުން ވަނީ ބުނެފައެވެ.ސޫރިޔާގެ ވާހަކަތަކުގައި މައިގަނޑު އަމާޒަކީ ސޫރިޔާގެ ހަނގުރާމައިގައި ބަދަލުކުރަމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލާ، އެޤައުމުގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށް ދިނުމުގެ އިތުރުން ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރި ޖަމާޢަތް އެގައުމުން ނައްތާލުން ކަމަށް އދ.އިން ބުނެއެވެ.