ރަޝިޔާއިން ނޭޓޯގެ ވައިގެ ސަރަހައްދުގެ ތެރެއަށް ނުވަނުމަށް ގޮވާލައްވާ އެޖަމާޢަތުގެ އިސްވެރިޔާގެ ވަރުގަދަ އިންޒާރުތަކެއް ރަޝިޔާއަށް އަމާޒުކުރައްވައިފިއެވެ. ނޭޓޯގެ އިސްވެރިޔާ ޔެންސް ސްޓޯލްޓެންބަރގް މި އިންޒާރު ދެއްވާފައިވަނީ ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓަކުން ތުރުކީވިލާތުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ހުކުރު ދުވަހު ވަދެފައިވާ ކަމަށް އެޤައުމުގެ ރައީސް ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.މިކަމާ ބެހޭ ގޮތުން ނޭޓޯގެ އިސްވެރިޔާ ވިދާޅުވީ، ތުރުކީވިލާތުން އިންޒާރު ދިން ނަމަވެސް އެޤައުމުގެ ވައިގެ ސަރަހައްދަށް ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓަކުން ވަދެފައިވާ ކަމަށާ މިއީ ނޭޓޯއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޙާދިސާތައް ތަކުރާރުވެގެން ނުވާނެ ކަމަށާ މިކަމުގައި ނަތީޖާ ހިތި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.މިދިޔަ ނޮވެމްބަރ މަހު ތުރުކީވިލާތުން ވަނީ އެޤައުމުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ރަޝިޔާގެ މަތިންދާބޯޓެއް ހުއްދައާ ނުލާ ވަތް ކަމަށް ބުނެ އެ ބޯޓަށް ހަމަލާދީ ވައްޓާލާފައެވެ. މިކަމުގެ ސަބަބުން ދެޤައުމުގެ ގުޅުން އަދި ވެސް ވަނީ ހީނަރުވެފައެވެ.