ޚަބަރު

ޝަރީއަތާ ހަމައަށް ނުގޮސް 40 އިންސައްތަ މައްސަލަ ހައްލުކޮށްފައިވޭ


ސިވިލްކޯޓަށް މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ސާޅީސް އިންސައްތަ މައްސަލަ ޝަރީޢަތާ ހަމައަށް ނުގޮސް ޙައްލުކުރެވިފައިވާ ކަމަށް އެކޯޓުން ހާމަކުރައްވައިފިއެވެ. ސިވިލްކޯޓުން މިއަދު އާއްމުކުރެއްވި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކޯޓަށް ހުށައަޅާފައިވަނީ ދެހާސް ދުއިސައްތަ އަށްޑިހަ ތިން މައްސަލައެވެ. މިއަދަދުގެ ތެރެއިން ނުވަދިހަ ހައެއް އިންސައްތަ މައްސަލަ މުޅިން ނިންމަވާފައިވާކަމަށް އެކޯޓުން ވިދާޅުވެއެވެ. ސިވިލްކޯޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ޤާއިމްކުރެއްވި ޑިސްޕިއުޓް ރިޒޮލިއުޝަން ނުވަތަ ޝަރީއަތަށް ނުގޮސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެކުލަވާލައްވާފައިވާ ޑިވިޝަނަށް ހުށައަޅާފައިވަނީ ފަނަރަ ސަތޭކަ ފަސްދޮޅަސް އަށް މައްސަލައެވެ. ސިވިލްކޯޓުން މިއަދު އާއްމުކުރެއްވި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސާބިތު ދަރަނީގެ ގޮތުގައި މިދިޔަ އަހަރު ސަތޭކަ ހަތްދިހަ އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ސާބިތުވެފައިވާކަމަށްވެސް ސިވިލްކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ދަރަނީގެ ފައިސާގެ ގޮތުގައި އެކޯޓުން ނަވާރަ މިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހަތްހާހަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައިވެއެވެ.