ޚަބަރު

ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ


ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އާބާދީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހދ. ހަނިމާދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް އެންމެ ގިނަބަޔަކު އަރާ ފައިބާ އެއްރަށެވެ. އެއަރޕޯޓް އޮތުމާއި އެކިއެކި ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް ރަށަށް ގިނަ ބަޔަކު އަރައެވެ.

ރަށުގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުގެ މަގުތަކެވެ. މަގުތައް އަޑިގުޑަންވުމާއި ހިރަފުސްވުމާއި އަދި ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ މައްސަލަ ރަށަށް ވަރަށް ބޮޑެވެ. ހަނިމާދޫ މަގުތަކުގެ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވީ ހަނިމާދޫއަކީ އެ އަތޮޅުގެ ނިސްބަތުން ބަލާއިރު އެއްގަމު ދުއްވާ އުޅަނދުފަހަރުތައް އެންމެ ގިނަ އެއް ރަށްކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މަގުތަކާއެކު އެއީ ރަށަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"މި މަސައްކަތާއެކު ރަށުގެ 7.5 ކިލޯމީޓަރުގެ މަގުތައް ހެދިގެން މިދިޔައީ. މީގެ އިތުރުން ސީ.އެސް.އާރުގެ ދަށުން އެމްޓީސީސީން އަންނަނީ ކައިރީ ހުންނަ މަގުތަކާއި ގޯޅިތައް ގުޅާލުމުގެ މަސައްކަތްވެސް ކޮތްދެމުން. އެއީ ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް" ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން 46466 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވާނެކަމަށެވެ. އަދި މަގު ހެދުމުގެ ތެރޭގައި ރަށުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް ހިނގާ ސަރަޙައްދާއި ދުއްވާ ސަރަޙައްދު ވަކިން ޤާއިމްކުރުމާއި މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށް، ފެނާއި ނަރުދަމާއާއި، މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ވަނީ ހަދާފައެވެ.

ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތައް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 76.09 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.