ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޗިލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް މިޝޭލް ބަޗެލެޓް އާ ބައްދަލުކުރައްވައިފިއެވެ. ވެރިރަށް ސެންޓިޔާގޯގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ކުރިޔަށްދިޔަ މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ ދެގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުންތައް ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންނެވެ. މިކަމަށްޓަކައި އެދެގައުމުގެ މަސްއޫލުވެރިން ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އުރުދުޣާން އާއި މިޝޭލް ބަޗެލެޓްގެ ބައްދަލުކުރެއްވުމުގައި ސޫރިޔާގެ ރެފިއުޖީންގެ މައްސަލަ ހައްލުކުރުމާބެހޭ ވާހަކަތައްވެސް ކުރިޔަށްދިޔަކަމަށް ޚަބަރުލިބެއެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޗިލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ލެޓިން އެމެރިކާއާއި ކެރީބިޔަންގެ ބައެއް ގައުމުތަކަށް އޭނާ ފައްޓަވާފައިވާ ދަތުރުފުޅުގެ ބައެކެވެ. މިދަތުރުފުޅުގައި ޕެރޫ އާއި އިކުއެޑޯރ އަށްވެސް އުރުދުޣާން ޒިޔާރަތް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.