ޚަބަރު

ބައިނަލްއަޤުވާމީ މައިދާނުގައި އަންހެން އެތުލީޓުން ހޯދަމުންދަނީ ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް: ރައީސް


އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ހޯދި ކާމިޔާބީއަކީ ޤައުމު މިއަދު ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިސްލާމިކް ސޮލިޑެރިޓީ ގޭމްސްގައި ބައިވެރިވި ޓީޓީ ޓީމަށް މަރުހަބާ ކިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދެއްކުވުމުންނެވެ.

އިސްލާމިކް ސޮލިޑެރިޓީ ގޭމްސްގައި ބައިވެރިވި ޓީމަށް މަރުޙަބާ ދަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައިއެސްޖީގައި ރާއްޖޭގެ ޓީމުން ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނެ ކާމިޔާބީއެއްކަމަށެވެ. އަދި މިއީ ފަޚުރުވެރިވުން ޙައްގު ދުވަހެއްގެ ގޮތުގައި ރައީސްވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި އަންހެނުން ހޯދަމުންދާ ކާމިޔާބީ އަކީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއްކަމަށެވެ. އަދި ޓީޓީ އަންހެން ޓީމުން ހޯދި މިކާމިޔާބީގެ ސަބަބުން ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް މިއަށްވުރެ ބޮޑެތި ކާމިޔާބީތައް ދިވެހި އެތްލީޓުންނަށް ހޯދިދާނެކަމުގެ އުއްމީ އައުވެއްޖެކަމަށެވެ. ރާއްޖޭގެ ޓީޓީ އަންހެން ޓީމް ބްރައުންޒް ކާމިޔާބުކޮށްފައިވަނީ ދުނިޔޭގެ 57 ޤައުމާއި ވާދަކޮށްގެންކަން ފާހަގަކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ތާރީޚުގައި ލިޔެވިގެންދާނެ ޤައުމު ފަޚުރުވެރިވާފަދަ ކާމިޔަބީއެއްކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ހަމައެކަނި ރާއްޖެ ހިމެނޭ ސަރަޙައްދީ މުބާރާތްތަކުގައި ވާދަކުރިނަމަވެސް އެއަށްވުރެ ދުރަށް ރާއްޖެއިން މިއަދު އަމާޒު ހިފާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކުޅިވަރަށް އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާއިރު އިތުރު ކާމިޔާބީ ހޯދުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ކުޅުންތެރިން ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ތައްޔާރު ބަޔަކަށް ހެދިގެން ނޫނީ ބޮޑެތި މުބާރާތްތަކުގައި ވާދަނުކުރެވޭނެކަމަށާއި ކާމިޔާބީއަށްޓަކައި އެއީ ކޮންމެހެން ބޭނުންކަމެއްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ބޭނުންވާ ވަޞީލަތްތަކާއި ތަމްރީނުތައް ދެވޭނެ ފެންވަރު ރަނގަޅު ކޯޗުން ހޯދައިދެއްވާނެކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިހާރު ރާއްޖޭގައި ވިދަމުން އަންނަ އެކި ކުޅިވަރުތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ކުޅިވަރުގެ ތަމްރީންތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރެއްކަންވަނީ ހާމަކުރައްވާފައެވެ.

ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މިއީ ރާއްޖެއަށް ލިބުނު ފުރަތަމަ މެޑަލްއެވެ. މި މުބާރާތުގެ ސެމީން ރާއްޖޭގެ ޓީޓީ ޓީމެއް ފުރަތަމަ ފަހަރަށް ޖާގަ ހޯދިއިރު، މިއީ ފެންވަރުގެ ގޭމްސްއެއްގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ރާއްޖޭގެ ޓީޓީ ޓީމެއް ދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ.