ހިންދީ ފްރެންޗައިޒް ފިލްމު "ކުރިޝް" ގެ 4 ވަނަ ބައި އުފައްދާނެކަމަށް މިދިޔަ އަހަރު އިޢުލާނުކުރީއްސުރެ މި ފިލްމުގެ ލީޑް އެކްޓަރު ރިތިކް ރޯޝަން އުޅެނީ އެހެން ޕްރޮޖެކްޓުތަކުގައި ވަރަށް އަވަދިނެތިއެވެ.
"ކްރިޝް 4" ގެ މަސައްކަތް އަދިވެސް ފެށޭވަރުނުވެ އޮއްވައި ރިތިކް ބިޒީވީ އޭނާގެ ކުރިއަށްއޮތް ދެ ފިލްމު ކަމަށްވާ "ފައިޓާ" އާއި "ވިކްރަމް ވޭދާ" ގެ މަސައްކަތުގައެވެ. ނަމަވެސް މިހާރު ވަނީ "ކްރިޝް 4" ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޕްރޮޑަކްޝަން ޓީމުން އިޢުލާނުކޮށްފައެވެ. އަދި އެ ފިލްމު ފަށާނީ "ކްރިޝް 3" ނިމުނު ހިސާބުން ކަމަށްވެސް ޓީމުން ބުނެއެވެ.
ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޕްރޮޑިއުސްކުރާ މި ފިލްމުގައި ފެންނާނީ މުޅިން ތަފާތު ކޮންސެޕްޓަކާއި ކެރެކްޓާ ތަކެކެވެ. ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ރާކޭޝް މިހާރު ކުރިއަށް ގެންދާއިރު މީގެ ކާސްޓުން ނަގާނީ ސްކްރިޕްޓު ފައިނަލް ވީމައެވެ. މި ފްރެންޗައިޒްގެ އެހެން ފިލްމުތަކުގައި ފެނިފައި ނުވާ ވަރުގެ އެކްޝަން ސީންތަކެއްވެސް ކުރިއަށް އޮތް މި ފިލްމުން ފެންނާނެއެވެ.
މީގެކުރިން އަޑުއިވިފައިވާގޮތުގައި މި ފިލްމުގެ ބަތަލާ އަކީ "ކްރިޝް" ގެ އެންމެ ފަހު ދެ ފިލްމުގައިވެސް ބަތަލާއެއްގެ ރޯލުން ފެނުނު ޕްރިޔަންކާ ޗޯޕްޅާއެވެ. ނަމަވެސް މި ވާހަކަ ޕްރޮޑަކްޝަން ޓީމުން ކަށަވަރެއް ނުކޮށްދެއެވެ. ޕްރިޔަންކާ ވަނީ ކްރިޝް (2006) އާއި ކްރިޝް 3 (2013) ގައި ބަތަލާގެ ރޯލް ކުޅެފައެވެ. މިއީ 2003 ގައި ރާކޭޝް ގެނެސް ދިން ރިތިކާއި ޕްރިތީ ޒިންތާގެ "ކޮއި މިލް ގަޔާ" ގެ ފޮލޯއަޕްތަކެވެ.
ޕްރިޔަންކާގެ އިތުރުން މީގެ ބަތަލާއެއްގެ ރޯލު ދީފައިވާކަމަށްބުނެ މީގެކުރިން ވަނީ ބައެއް ތަރިންގެ ނަންތައް އާންމުވެފައެވެ. އޭގެތެރޭގައި ދީޕިކާ ޕަޑްކޯން، ކިއަރާ އަދުވާނީ އަދި ކްރިތީ ސެނޮންވެސް ހިމެނެއެވެ.
މީގެއިތުރުން "ކްރިޝް 4" ގައި ރިތިކް ލަވަކިޔާނެކަމަށްވެސް ބައްޕަ ރާކޭޝް މިދިޔަ އަހަރު ވަނީ ބުނެފައެވެ. ރާކޭޝް އެހެން ބުނެފައިވަނިކޮށް އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް ވަތަނީ ލަވައެއްކަމަށްވާ "ވަންދޭ މާތަރަމް" ރިތިކްގެ އަޑުން ރެކޯޑުކޮށް ހޯމަ ދުވަހު ފާހަގަކުރި އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު "ކްރިޝް 3" ނިމުނީ ޕްރިޔަންކާއަށާއި ރިތިކްއަށް ކުއްޖަކު ލިބޭ ހިސާބުންނެވެ. އެ ކުއްޖާއަށް އެމީހުން ކީ ނަމަކީ ރޯހިތު އެވެ.