ޚަބަރު

އަކްޝޭ މިފަހަރު ސީރިއަލް ކިލާއެއްގެ ފަހަތުން


ތަމަޅަ ފިލްމު "ރަތަސަން" ގެ ހިންދީ ރީމޭކް "ކަޓްޕުޓްލީ" ގެ ޓީޒާ ދައްކާލައިފިއެވެ. ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު އަކްޝޭ ކުމާރު ލީޑް ރޯލުން ފެންނަ މި ފިލްމުގެ ޓީޒާ ވަރަށް ޝައުގުވެރިއެވެ.

ސީރިއަލް ކިލާއެއްގެ ފަހަތުން ދުވާ ފުލުހެއްގެ ރޯލުން އަކްޝޭ ފެނިގެންދާ މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ޑިޒްނީ ޕްލަސްް ހޮޓްސްޓަރ އިންނެވެ.

އިއްޔެ ޓީޒާ ދައްކާލާފައިވާއިރު މިއަދު މި ފިލްމުގެ ޓްރެއިލާއެއްވެސް ނެރެން ވަނީ ހަމަޖެހިފައެވެ. އަކްޝޭ ބުނާގޮތުގައި ސީރިއަލް ކިލާއަކާއި ހަށިގަނޑު ވަރުގަދަވެގެން ނުކުޅެވޭނެއެވެ. ޖެހޭނީ ބުއްދީގެ ބޭނުންކުރާށެވެ.


އަކްޝޭ އާއެކު ރަކުލް ޕްރީތް ސިންގް ލީޑް ރޯލުން ފެންނަ މި ފިލްމަކީ ވަޝޫ ބަގްނާނީ އާއި ޖެކީ ބަގްނާނީގެ ޕޫޖާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ތަމަޅަ ފިލްމުގެ ލީޑް ރޯލުން ފެނުނީ އަމާލާ ޕޯލް އާއި ވިޝްނޫ ވިޝާލްއެވެ.

އަކްޝޭ އާއި ރަކުލް ވަނީ މި ފިލްމުގެ ޝޫޓިން މަސޫރީގައި މިއަހަރު ކުރީކޮޅު ނިންމާލާފައެވެ. މިއީ އަކްޝޭގެ "ބެލް ބޮޓޮމް" ވެސް ޑައިރެކްޓްކުރި ރަންޖިތު އެމް ޓެވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިދިޔަ އަހަރު ރިލީޒްކުރާ އަކްޝޭގެ "ބެލް ބޮޓަމް" ގެ ޑައިރެކްޓަރު ރަންޖީތު ތިވާރީ ހަދާ ޑައިރެކްޓުކުރާ މި ފިލްމަށް މީގެކުރިން ކިޔާފައިވަނީ "މިޝަން ސިންޑްރެއްލާ" އެވެ.

މި ފިލްމުގައި ކިޔައިދެނީ ފުރާވަރުގެ އަންހެން ކުއްޖަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނިގެން އެ ހާދިސާ އަށް ފިލްމެއް ހަދަން މަސައްކަތްކުރާ ޒުވާނަކު، އާއިލީ ފިއްތުންތަކާ ހެދި ފިލްމު ހެދުމުގެ ހިޔާލު ދޫކޮށްލައި، ފުލުހަކަށްވުމުން ދިމާވާ އާދަޔާހިލާފު ހާދިސާތަކެކެވެ.

"ރަތުސަސަން" ގެ ހިންދީ ރިމޭކް ކުޅެން އަކްޝޭ ތައްޔާރުވާ އިރު، 2020 ވަނަ އަހަރު ރިލީޒްކުރި އޭނާގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ" އަކީ ތެލެގޫ ފިލްމު "ކާންޗަނާ" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ. އަދި މިއަހަރު ރިލީޒްކުރި އަކްޝޭގެ "ބައްޗަން ޕާންޑޭ" އަކީ 2014 ގެ ތަމަޅަ ފިލްމު "ޖިގަރްތަންޑާ" އަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

އޭނާގެ ދެހާސް ބާރައިގެ "ރައުޑީ ރާތޯޑް" އަކީ ވެސް އިންޑިއާގެ ދެކުނު ފިލްމެއްގެ ރިމޭކެކެވެ. އެއީ 2006 ގެ ތެލެގޫ ފިލްމު "ވިކްރަމަކުތްކުޅޫ" ގެ ރިމޭކެވެ.

އަކްޝޭ އެންމެ ފަހުން ފެނުނު ފިލްމު "ރަކްޝާ ބަންދަން" އަކީ ބޮޑު ފްލޮޕެކެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.