ޚަބަރު

26 އަހަރަށްފަހު އުލިގަމުގައި އައު އިންޖީނުގެއެއްގެ ޚިދުމަތް


26 އަހަރު ފަހުން ހއ. އުލިގަމުގައި އައު އިންޖީނުގެއެއްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އެރަށުގެ ގެތަކަށް ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ރާއްޖޭގެ އެންމެ އުތުރުން ދެވަނައަށް އޮތް ހއ. އުލިގަމަކީ ކޮންމެ ދުވަހަކުވެސް އެތައް ފަތުރުވެރިންނަކާއި މީހުން އެރަށަށް އަރާ ފައިބާ ރަށެކެވެ. އެރަށަކީ ޒަމާނުއްސުރެ ޔޮޓު ފަހަރު ބަނދަރު ކުރާ ރަށަކަށް ވުމާއެކު ކޮންމެ ދުވަހަކުވެސް ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި ރަށުގެ ވިޔަފާރިތަކުން ފަތުރުވެރިން ޚިދުމަތް ހޯދަމުންދެއެވެ. އިމިގްރޭޝަނާއި ކަސްޓަމްސްއާއި ޕޯޓް ސާރވިސްއާއި އެނޫންވެސް ސަރުކާރުގެ މުހިންމު ބައެއް މުއައްސަސާތައް އެރަށުގައި ޤާއިމްކޮށް ޚިދުމަތް ދެމުންދެއެވެ. އުލިގަމަކީ އިޖްތިމާޢީ ގިނަ ބޮޑެތި ހަރަކާތްތައްވެސް ހިންގާ ރަށެކެވެ.

މި ހުރިހާ ކަމަކާއެކުވެސް އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓުގެ މައްސަލައެެވެ. ޒަމާނުއްސުރެ ކަރަންޓްގެ ޚިދުމަތް އެރަށުގައި ދެމުން އަންނަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ކުޑަކުޑަ ބައު އިންޖީނުގެއަކުންނެވެ.

އައު އިންޖީނުގެއެއްގެ ޚިދުމަތް އެރަށަށް މި ލިބުނީ މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރީގައި ހުރި އިންޖީނުގޭގެ ޖަނެރޭޓަރުތަކުގެ ބާރު އަޑުފައްގަނޑުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހަމަ ނިދި ނުލިބޭތާ އެތައް ޒަމާނެއްވީ ފަހުންނެވެ.

މީގެ ކުރިން ބޭނުންކުރި ބައު އިންޖީނުގެއަކީ އެރަށު ރައްޔިތުންގެ ބުރަ މަސައްކަތުން ޤާއިމްކޮށްފައިވާ އިންޖީނުގެއެވެ. އެއީ އެޒަމާނަށް އެންމެ އެކަށީގެންވާ އިންޖީނުގެއެއް ނަމަވެސް މިހާރު ކަރަންޓަށް އޮތް ޑިމާންޑު އިތުރުވެ، އިތުރު ޖަނެރޭޓަރު ސެޓްތައް ވައްދަން ޖެހުމުން ޖާގައިގެ ގޮތުންވެސް ވަނީ ބޮޑު ދައްޗަކަށް ވެފައެވެ.

މި ހުރިހާ ދައްޗަކާއެކު ދިރިއުޅެމުން އައި އުލިގަމު ރައްޔިތުންނަށް މިހާރު މިވަނީ އެކަމުން އަރައި ގަނެވިފައެވެ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ޤާއިމްކޮށްފައިވާ އައު އިންޖީނުގެއާއެކު 250 މެގަވޯޓްގެ ޖަނެރޭޓަރެއްވަނީ ޤާއިމްކޮށްފައެވެ. ރަށުގެ ބައު އިންޖީނުގެއިން ކަރަންޓު ދެމުން އައީ 128 ކިލޯ ވޯޓްގެ 2 ޖަނެރޭޓަރާއި 80 ކިލޯވޯޓްގެ 1 ޖަނެރޭޓަރުންނެވެ.

ރަށްރަަށުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ރަށުތެރޭގައި ހިންގަމުން ދިޔަ އިންޖީނުގެތައް، ރައްޔިތުންނަށް އުނދަގޫ ނުފޯރާ ހިސާބަށް ބަދަލުކުރުމާއި އައު އިންޖީނުގެތައް އެޅުމާއި ކަރަންޓް ނެޓްވޯކް އަޕްގެރޭޑް ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އަތޮޅު ތެރޭގައި ފެނަކައިން ޚިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.