ކޯވިޑްގެ ގޮންޖެހުމާއެކުވެސް މާލެ ފިޔަވައި އިތުރު ދެ ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްގެ ހިދުމަތް ފެށިފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ފިޔަވައި އެހެން ސަރުކާރަކުން މިހާ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ މަންޒަރު ފެނިފައިނުވާކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގައި ދިމާވި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެވިއްޖެކަމަށެވެ. މިގޮތުން ރާއްޖެއަށް ކޯވިޑްގެ ވަބާ އައިތާ ދެ އަހަރާ ބައި ވެގެންދިޔައިރު ސިއްހީ ނިޒާމަށް ބޮޑު ލޮޅުމެއް އައި ނަމަވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް އެބަހުރިކަމަށް މިނިސްޓްރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް މާލެ ފިޔަވައި އަތޮޅުތެރޭގެ ދެ ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި އިތުރު ތިން ހޮސްޕިޓަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތެރެއަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދައި އެކިއެކި ޓެސްޓްތައް މިހާރު އަތޮޅުތެރެއިން ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ކޮވިޑް ކޮންޓްރޯލް ކުރަމުން މިފަދަ ކާމިޔާބީއެއް ލިބުނީ މަދު ގައުމަކަށް. ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގާ ކޮވިޑާ ގުޅޭ ސިއްހީ ކަންކަން ބަލަހައްޓަމުން ވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެހެނިހެން ސިއްހީ ކަންތައްތައް މެދުކެނޑުމެއްނެތި ދިޔައީ ފޯރުކޮށްދެމުން" މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ސިއްހީ ނިޒާމް އޮތީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. މި ސަރުކާރުވެރިކަމަށް އައިސް ސިއްޙީ ދާއިރާގައި އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ މި ދާއިރާ ޒަމާނީކޮށް އިސްލާހުކުރުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އުމްރާނީ ތަރައްގީއާ އެއްހަމައެއްގައި ސިއްހީ ދާއިރާގެ ހިދުމަތްތަކާއި އިންސާނީ ވަސީލަތްތައް ގެނައުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށެވެ.
ސިއްހީ ނިޒާމްގެ ކުރިމަގަށްޓަކައި މައިގަނޑު 3 ކަމަކަށް އިސްކަންދޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މިހާރު ދެމުންދާ ސިއްހީ ފަރުވާގެ އިންތިޒާމް އިތުރަށް ތަރައްޤީކޮށް ދެމެހެއްޓުމާއި ދުރާލާ ބަލިތައް ދެނެގަނެ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމް އަލުން އާރޯކޮށް ކޮމިއުނިޓީ ހެލްތު ވޯކަރުން ބާރުވެރިކޮށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ހިމެނެއެވެ.