ޚަބަރު

ގައިންގަޔަށް ނާރާ ބަލި ކޮންޓްރޯލްކުރުމުގައި އެހީވުމަށް ޑަބްލިއުއެޗްއޯގެ ވަފުދެއް ރާއްޖެއަށް


ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް ފަންނީ ލަފާ ދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ފަންނީ މާހިރުންގެ ވަފުދެއް ރާއްޖެ އައިސްފިއެވެ.

މި ވަފުދުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ރާއްޖޭގެ އޮފީހާއި، ސަރަހައްދީ އޮފީހާއި މައި މަރުކަޒުގެ އިތުރުން، "އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ)" އާއި، އިންޓަރނެޝަނަލް އެޖެންސީ ފޮރ ރިސަރޗް އިން ކެންސަރ (އައިއާރކް އަށް ނިސްބަތްވާ ފަންނީ މާހިރުން، ހިމެނެއެވެ.

މި ޓީމުން ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ މަދަނީ ޖަމްޢިއްޔާ ތަކާ ކެންސަރަށް ފަރުވާދޭ ހަސްފަތާލުތަކުގެ އޮފިޝަލުންނާ މަޝްވަރާކޮށް، މާލޭގެ އިތުރުން، ބައެއް އަތޮޅުތަކުގެ ހަސްފަތާލުތަކާ ޞިއްޙީ މަރުކަޒުތަކަށް ޒިޔާރަތްކޮށް، މަޢުލޫމާތު ހޯދާނެއެވެ.

މި ދަތުރުގައި، ރާއްޖޭގައި ކެންސަރު ކޮންޓްރޯލް ކުރުމަށާއި ކެންސަރަށް ފަރުވާ ދިނުމާއި ކެންސަރު ބަލީގެ މީހުންގެ މަޢުލޫމާތު ބަލަހައްޓާ އަދި ދެވޭ ޚިދުމަތްތައް ރޭވިފައި ހުރިގޮތްތައް ބަލާނެއެވެ. އަދި ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކެންސަރު ބަލި އަދި ދިގު މުއްދަތުގެ އެހެނިހެން ބަލިތަކަށް ހުށަހެޅޭ ހިރާސްތަކާއި ބަލިތަކުން މީހުން ރައްކާތެރިކުރުމާއި ފަރުވާގެ ނިޒާމު އިންތިޒާމް ކުރެވިފައިވާގޮތުގެ މަޢުލޫމާތު ދެނެގަންނާނެއެވެ. މިމަޢުލޫމާތުގެ އަލީގައި، އިބްތިދާއީ ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރެއިންނާއި، މަރުކަޒީ ފެންވަރުގައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ސަރުކާރަށް ލަފާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ވަފުދު މިމަހުގެ 25ގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ.

ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ އެންމެ މުހިއްމު ހިރާސްތަކަކީ، ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅެވުމެވެ. ގައިންގަޔަށްނާރާ ބަލިތައްޖެހޭ މީހުންގެ ނިސްބަތް ދިވެހިރާއްޖޭގައި ދަށްވަމުން ނުދާކަމަށް ހެލްތު މިނިސްޓްރީއިން ފާހަގަކުރެއެވެ. ނަތީޖާއަކީ، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ހަކުރުބަލި، ނޭވާލާ ނިޒާމުގެ ދިގުމުއްދަތުގެ ބަލިތަކާއި ކެންސަރުބަލި ރާއްޖޭގައި އިތުރުވަމުން ދިއުމެވެ.
ގައިންގަޔަށް ނާރާ ބަލިތައް ހާއްސަކޮށް ކެންސަރު ކޮންޓްރޯލްކޮށް ޞިއްޙީ ދުޅަހޮޔޮކަން އިތުރުކުރުމަށް އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމެއްގެ މުހިންމުކަން އަންނަނީ ފެންނަމުންނެވެ.

އެހެންކަމުން މިބަލިތައް ދުރާލާ ދެނެގަންނާނެ، ރައްކާތެރިވާނެ ގޮތާއި ފަރުވާކުރުމަށް ބޭނުންވާނެ ވަސީލަތްތައް އެކަށައެޅުމުގައި ބޭނުންވާނެ މިންގަނޑުތަކާއި ފަރުވާއަށް ބޭނުންކުރާނެ ގައިޑްލައިންތައް ތައްޔާރު ކުރުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.