ޚަބަރު

ޤައުމީ ފެރީ ނިޒާމުން ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅު ގުޅާލައިފި


ރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތްކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ސަބަބަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދިޔުމަށް ބޮޑު ހޭދައެއްކުރަންޖެހުމާއި އެފަދަ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުވެފައި ނެތުމެވެ. މިހެން މިކަން އޮތުމާއެކު މީގެ ކުރީގެ ސަރުކާރުތަކުންވެސް ވަނީ ރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރައްވާފައެވެ. އެހެންނަމަވެސް މިއީ ދެކޮޅު ޖެހޭކަމެއްކަމުގައި އޭރުގެ ސިޔާސަތުތަކުގައި ހެދޭގޮތް އޮތީ ނުވެފައެވެ.

ކޮންމެ ގޮތަކަށް ބެލިނަމަވެސް އަތޮޅުތެރެ އާބާދުކޮށް އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީ ގެނެވެން އުޅެނީ ރާއްޖޭގެ ރަށްތަށް ގުޅާލެވިގެންނެވެ. އެހެންކަމުން ސަރުކާރުން މިހާރުވަނީ ދެމެހެއްޓެނިވި ގޮތަކަށް ރަށްތައް ގުޅާލުމުގެ ބޮޑު ބިޔަ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ޙަވާލުކޮށްފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްގެ ނަމުގައި ފަށާފައިވާ ޤައުމީ ފެރީ ވިއުގައިގެ ދަށުންވަނީ ރާއްޖެ 6 ޒޯންއަކަށް ބަހާލާފައެވެ. މީގެތެރެއިން ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅާއި، ހދ.އަތޮޅު އަދި ށ.އަތޮޅުގައި މިހާރުވަނީ ޚިދުމަތް ފަށާފައެވެ. މިޒޯންގެ ރަށްތަކުން އެންމެ ފުރަތަމަ ޚިދުމަތް ފަށާފައިވަނީ ހދ.އަތޮޅުގައެވެ. އަންގާރަ ދުވަހު ށ.އަތޮޅުގައި ޚިދުމަތް ފެށުމާއެކު މުޅި ޒޯން އެއްކޮށް މިހާރުވަނީ ދަތުރުފަތުގެ ނިޒާމަކުން ގުޅާލެވިފައެވެ.

އެމްޓީސީސީން ވިދާޅުވީ އަންގާރަދުވަހު ށ.އަތޮޅުގައި ޚިދުމަތް ފަށާފައިވަނީ 50 މީހުންގެ ޖާގައިގެ 4 ފެރީއާއެކުއެވެ. ފުރަތަމަ ހަފްތާގައި ޓެސްޓު ދަތުރުތައް ކުރުމަށްފަހު އިތުރު ބަދަލެއް ގެންނަންޖެހޭނަމަ އެބަދަލާއެކު ރަސްމީކޮށް ދަތުރުތައް ފަށާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގައިކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ށ.އަތޮޅުގައި 7 ރޫޓަކުން އާރްޓީއެލްގެ ޚިދުމަތް ދޭންވަނީ ފަށާފައެވެ.

ޒޯން އެކެއްގައި ހިމެނޭ ހުރިހާ ރަށަކަށް އާރްޓީއެލްގެ ޚިދުމަތް މިހާރު ފަށާފައިވާއިރު އެމްޓީސީސީއިން ވަނީ ޒޯން 2 އަދި 3 ގައި ހިމެނޭ ރަށްތަކުގައި ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވެސް ފަށާފައެވެ. މިގޮތުން މިޒޯންތަކުގައި ޚިދުމަތް ފެށުމަށްޓަކައި ބަންނަންޖެހޭ ފެރީތައް ބަނުމަށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ހަމައެއާއެކު ރަށްރަށުގައި ޤާއިމުކުރަންޖެހޭ ފެރީ ސްޓޮޕްތަކުގެ މަސައްކަތްވެސް އަންނީ ކުރަމުންނެވެ.

ދަތުރުފަތުރުގެ ޤައުމީ ފެރީ ނިޒާމަށް ޢާއްމުންގެ ބޮޑު ތަރުހީބެއް ލިބޭކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. އެގޮތުން ބައެއް ސަރަޙައްދުތަކުގެ ފެރީތައް އެއްކޮށް ފުލްވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ 2023ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްވެސް މިނިޒާމުން ގުޅާލުމެވެ.