ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތު ތަޢާރަފްކޮށްފި


ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑުތައް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފިއެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތު ރަސްމީކޮށް ލޯންޗްކޮށްދެއްވީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްއާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢާލީ އަދި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމުގެ ސިޔާސަތާއި މިންގަނޑުތައް އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާއި ޞިއްޙީ ދުޅަހެޔޮ ދިރިއުޅުމަކަށް ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަށް ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުމެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތު ބިނާކޮއްފައިވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ. މީގެ ތެރޭގައި ކަސްރަތު ކުރުމާ މެދު ރައްޔިތުން ދެކޭގޮތް ބަދަލުކޮށް ކަސްރަތުކުރުމަށް މަގުފައިވާނޭ ގޮތްތައް ހޯދައި ދިނުމާއި ހެލިފެލިވެ ކަސްރަތުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި ކަމާ ގުޅޭގޮތުން މީހުން ތަމްރީނުކުރުމަށް ސިޔާސީދާއިރާ އާއި މިކަމާ ގުޅުން ހުރި އެހެނިހެން ދާއިރާތައް އެކުގައި މަސައްކަތް ކުރުން ހިމެނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ބޮޑު ސިއްހީ ސަމާލުކަމެއް ދޭންޖެހޭ އެއް މައްސަލައަކީ ދިރިއުޅުމުގެ އާދަކާދައާއި ގުޅިފައިވާ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައްކަމަށެވެ. ދިރާސާތަކުން ދައްކާގޮތުން މިކަންކަމަށް މަގުފަހިވާ އާދަތަކަށް މުޖުތަމައުތެރޭ ވަރަށް ބޮޑަށް އަށަގެންފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކެންސަރާއި ހިތުގެ ބަލިތަކާއި ސްޓްރޯކާއި ހަކުރު ބަލި، އަދި ފުއްޕާމޭގެ ބަލިތައް ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންގެ އަދަދު ހުރީ ވަރަށް މަތީގައި. މީގެ ސަބަބުން ސިއްޙީ ނިޒާމަށް ވަރަށް ބުރަވެ ބާރު ބޮޑުވެ ރާއްޖޭގެ އިގްތިސާދަށާ އުފެއްދުންތެރިކަމާ ނޭދެވޭ އަސަރުކުރާނެ." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިތުރު ހޭދަތަކެއް ނުކޮށް މިފަދަ ބަލިތަކަށް އޮތް ހަމައެކަނި ހައްލަކީ ހެލިފެލިވެ އުޅުމާއި ޤަވާއިދުން ކަސްރަތުކޮށް ހަށިގަނޑުގެ ބަރުދަން ވަކި ވަރެއްގައި ހިފެހެއްޓުންކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ ވިދާޅުވީ ކަސްރަތުކުރުމުގެ ސިޔާސަތެއް އެކުލަވާލައި އެކަމުގެ ފަންނީ މިންގަނޑުތަކެއް ރައްޔިތުންނާ ހަމައަށް ގެނައުމަކީ އެކަމުގާ ޝާމިލްވާ އެންމެހާ ފަރާތްތަކަށް އެއިން ނުހަނު ފައިދާ ކުރާނެކަމެއްކަމަށެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދެވުނު ހެލްތު ޗެކަޕާއި ހެލްތު ސްކްރީނިންތަކުން ފާހަގަކުރެވޭ އެއްކަމަކީ ކުދިންގެ އުމުރާ ގުޅިގެން އެކުދިންގެ އިސްކޮޅާ ބަރުމިން ހުންނަންޖެހޭ އެންމެ ރަނގަޅު މިނުގަ ގިނަކުދިން ނުހުންނަކަންކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލް ދައުރަކީ ސިއްހީ ގޮތުން ދުޅަހެޔޮކަމާއެކު ކިޔެވުން ކުރިއަށް ގެންދެވޭ ތަންތަން ކަމުގައި ހެދުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދީގެން ކުރާ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތަޢުލީމާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަދި ޔަގީންކަން އަރުވާނީ ސްކޫލް ދައުރުގަ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ކުޅިވަރާ ކަސްރަތުގެ ފުރުސަތުތައް މިހާރައްވުރެވެސް އިތުރުކޮށް މިކަމުގަ ޝާމިލްވާ އެހެން އިދާރާތަކާއި އެއްކޮށް ސިއްހީގޮތުން ދުޅަހެޔޮ ތޫނުފިލި ހުނަރުވެރި ޖީލެއް ބިނާކުރުމުގަ އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރާނެކަން" އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑުތަކުގެ އަމާޒަކީ އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުގައި ޝާމިލްވެ ނޫޅޭ މީހުންގެ ނިސްބަތް މިހާރުހުރި ވަރު 2030ވަނަ އަހަރުގެ ނިޔަލަށް %10އަށް ދަށްކުރުމެވެ. އަދި ރައްކާތެރި މާހައުލެއްގައި ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމުގެ ފުރުސަތު އިތުރަށް ޤާއިމްކޮށް އިންތިޒާމް ކުރުމެވެ. އަދި މި ފަންނުގެ މީހުން ބިނާކުރުމާއި ހޭލުންތެރިކުރުމާއި ކަމާ ގުޅުންހުރި ދާއިރާތައް އެކުގައި މަސައްކަތް ކުރުމަކީ ވެސް މި ސިޔާސަތުގެ މައިގަނޑު އަސާސެކެވެ.

މީރުމާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސެކްރެޓަރީ ކެބިނެޓް އެފެއާޒް، އަޙްމަދު ޙަސަންދީދީއާއި ސިއްޙީދާއިރާގެ ގިނަ އިސްވެރިން ބައިވެރިވިވަޑައިގެންނެވިއެވެ.