ވިޔަފާރި

ދަރަނި ދެއްކުމުގައި ލުއި ހޯދަން ޖެހޭ ހާލަތެއް ނެތް: މިނިސްޓަރ އަމީރު


ދައުލަތުގެ ދަރަނި ދެއްކުމުގައި ލުއި ހޯދުމަށް މަޝްވަރާ ކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރާއި ސުވާލުކުރެއްވުމަށް އޮންނަ ފުރުސަތުގެ ތެރޭގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއް ލަތީފް ވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ދަރަނި ދެއްކުމުގައި ލުއި ހޯދުމަށް އެއްވެސް ޤައުމަކާއެކު މަޝްވަރާ ކުރެވެމުންދޭތޯ ސުވާލު ކުރައްވާފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އަދި ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ބަރާބަރަށް ދަރަނި އަދާކުރާ ޤައުމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ބަރާބަރަށް ޑެޓް ސާވިސް ކުރާ ޤައުމެއް. އެއްވެސް އިރެއްގައި އަޅުގަނޑުމެން ޑިފޯލްޓް ވެފަކާއި އެއް ނެތް. އަދި ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ޑިފޯލްޓް ވާނެ ހާލަތެއް އަންނާނެ ކަމަށް ލަފައެއް ނުކުރެވޭ. އެހެންވީމަ ދަރަންޏަށް ލުއިގޮތްތަކެއް ހޯދުމަށް، އެކި އެކި ފަރާތްތަކާއި ވާހަކަ ދައްކަން، އެ ވިސްނުމެއް އަޅުގަނޑުމެން ނުގެންގުޅެން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރުގެ ވިދާޅުވީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ނިންމީ، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް މަތިވުމުން ކުރިމަތިވާ މައްސަލަތައް ކުޑަ ކުރުމަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފިއުލް ސަބްސިޑީގެ ގޮތުގައި 343 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވީނަމަވެސް މިހާރުވެސް ގާތްގަނޑަކަށް 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެކަމަށް ޚަރަދު ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ޚަރަދު ކުޑަ ކުރަން ޖެހިފައިވާ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު ދަރަނި ދެއްކުމާއި މުސާރަ ދިނުން ފަދަ ކަންކަމަކީ އިސްކަމެއް ދެވިގެން ކުރެވެމުންދާ ކަންކަމަށް ވުމުން މިފަދަ ކަންކަމުގައި އެއްވެސް ދައްޗެއް މިހާތަނަށް ނެތް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއެވެ.