ބ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީސް ގެނައުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ކުނި މެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީސް ގެނައުމަށް ހަވާލު ކުރީ އިންޓެގްރަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާއެވެ. މިއެއްބަސްވުމުގައި ބ.އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙްއެވެ. އިންޓެގްރަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ މުހައްމަދު ޔާސީން އެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ގެންނަ މެޝިނަރީސް ބަހައްޓާނީ އޭދަފުށްޓާއި ތުޅާދޫ އާއި ގޮއިދޫގެ އިތުރުން ދަރަވަންދޫގައެވެ.
މި މެޝިނަރީސް ގެނައުމަށް ހަވާލުކުރި ކުންފުނިން 120 ދުވަހުގެ ތެރޭގައި މެޝިނަރީސްތައް މިހަތަރު ރަށަށް ފޯރުކޮށްދޭން ޖެހެއެވެ. އަދި އެފަރާތުން އެ މެޝިނަރީސްތައް އެރަށްތަކަށް ގެންގޮސް އިންސްޓޯލްކޮށް ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.
އަތޮޅު ކައުންސިލުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ވިޝަނަރީ ޕްލޭން ގައި އެންމެ އިސްކަން ދީފައިވަނީ ކުނީގެ މައްސަލަ ހައްލު ކުރުމަށެވެ. އެ ކައުންސިލުން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ބ.އަތޮޅަކީ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާއަތޮޅަކަށް ހެދުމަށް އަމާޒު ހިފާފައެވެ.