ޑިޒްނީ ގެނެސްދޭން ނިންމާފައިވާ ގިނަ ފިލްމުތަކެއްގެ ތެރެއިން ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ "ދަ ލިޓްލް މާމެއިޑް" ޓީޒާއެއް ދައްކާލައިފިއެވެ.
ޑިޒްނީން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ޕްރޮޖެކްޓްތައް އިޢުލާންކުރަން ބޭއްވި "ޑީ23 އެކްސްޕޯ" ގައި ފިލްމުގެ ޓީޒާ ދައްކައިލުމާ އެކު ގިނަ ބަޔަކަށް ވަނީ މި ޓީޒާ ވަރަށް ކަމުގޮސްފައެވެ.
1989 ވަނަ އަހަރު "ދަ ލިޓްލް މާމެއިޑް" ގެ ނަމުގައި ނެގެސްދިން އެނިމޭޓެޑް ފިލްމު އަސްލަކަށް ބަލައިގެން ގެނެސްދޭ މި ފިލްމަކީ މިޔުޒިކަލް ފެންޓަސީއެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި 26 ގައެވެ.
ރޮބް މާޝަލް ޑައިރެކްޓްކުރާ މި ފިލްމުގެ ކާސްޓްގައި ޖޮނާ ހެޔާ-ކިންގް، މެލީސާ މެކާތީ، ޖޭވިއާ ބާޑެމް، ނޯމާ ޑުމޭޒްވެނީ، އާޓް މަލިކް އަދި ލޮރެންޒާ އެންޑްރިއާ ހިމެނެ އެވެ.
Out of the sea, wish I could be... part of that world.
— Walt Disney Studios (@DisneyStudios) September 9, 2022
Disney's The Little Mermaid is coming to theaters May 26, 2023. pic.twitter.com/lUw5BmYRK5
ޑިޒްނީގެ މި ފަހަރުގެ ޕްރިންސަސް އަކީ ބަތަލާ ހެލީ ބެއިލީއެވެ. "ދަ ލިޓްލް މާމެއިޑް" ގެ ޓީޒާއިން އޭރިއަލްގެ ރޯލުން ހެލީ ފެނުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ތަޢުރީފްކޮށްފައެވެ.
ޑިޒްނީ އިން އެންމެ ފަހުން ގެނެސްދިން ލައިވް އެކްޝަން ފިލްމަކީ މިދިޔަ ބުރާސްފަތީގައި ޑިޒްނީ ޕްލަސް އިން ޕްރީމިއާކުރި "ޕިނޯކިއޯ" އެވެ. "ދަ ލިޓްލް މާމެއިޑް" ގެ އިތުރުން ޑިޒްނީ އިން 2024 ވަނަ އަހަރު "ސްނޯވައިޓް" ގެ ލައިވް-އެކްޝަން ވެސް ގެނެސްދޭން ވަނީ ހަމަޖެހިފައެވެ.
"ބިއުޓީ އެންޑް ދަ ބީސްޓް" އާއި "އަލާއްދިން" އަދި "ލަޔަން ކިންގް" ފަދަ ކާޓޫންތައްވެސް ޑިޒްނީން މީގެ ކުރިން ވަނީ ލައިވް-އެކްޝަންގެ ފިލްމުތަކެއްގެ ގޮތުގައި ގެނެސްދީފައެވެ. އަދި މި ފިލްމުތައް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.