ޚަބަރު

21 އަހަރަށްފަހު ނީލަމް އަނެއްކާވެސް އެކްޓްކުރުމާ ދިމާލަށް


ނެޓްފްލިކްސް ޝޯވ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ އެއްބައިވެރިއެއް ކަމަށްވާ ނީލަމް ކޮތާރި ސޮންއަކީ 1980 އާއި 1990 ގެ ކުރީކޮޅު ބެލުންތެރިންގެ ވަރަށް ބޮޑު މަޤުބޫލުކަން ހޯދި ތަރިއެކެވެ.

2001 ވަނަ އަހަރު ރިލީޒްކުރި "ކަސަމް" އަށްފަހު މިހާރު އެކްޓުކުރުމާއި ދުރުގައި ހުރި ނީލަމް އަނެއްކާވެސް އެކްޓު ކުރަން މިވަނީ ނިންމާފައެވެ.

ނީލަމްގެ އެކްޓިން ހުނަރު ދައްކާލަން އޭނާ މިހާރު ސޮއިކޮށްފައިވަނީ ވެބް ސީރީޒްކަށެވެ. 52 އަހަރުގެ ބަތަލާ ސޮއިކޮށްފައި ވަނީ އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "މޭޑް އިން ހެވެން" ގެ ދެވަނަ ސީޒަނަށެވެ. މިއީ ޑައިރެކްޓަރުން ކަމަށްވާ ޒޯޔާ އަހްތަރާއި ރީމާ ކަތުގީ އިސްކޮށް ތިބެގެން ގެނެސްދިން ވަރަށް ކާމިޔާބު ސީރީޒެކެވެ.

"މޭޑް އިން ހެވަން" ގެ ދެވަނަ ސީޒަންގެ ޝޫޓިން މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށްދާއިރު އޭގެ ކާސްޓާ ގުޅުނުކަން ނީލަމް ހާމަކޮށްފައި ވަނީ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ދެވަނަ ސީޒަންގެ އެޕިސޯޑެއްގައެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި އުފެއްދުމަކީ ބޮލީވުޑްގެ ހަތަރު އެކްޓަރެއްގެ އަންހެނުންގެ ދިރިއުޅުން ދައްކުވައިދޭ އެއްޗެކެވެ.

2019 ވަނަ އަހަރު މާރިޗު މަހު އެމެޒޯން ޕްރައިމް އިން ޕްރިމިއާކުރި "މޭޑް އިން ހެވަން" އަކީ 9 އެޕިސޯޑުގެ ސީރީޒެކެވެ. މީގެ ކާސްޓްގައި ޝޮބީތާ ދުލިޕާލާ، އަރުޖުން މާތޫރު، ކަލްކީ ކޮއެޗްލިން، ޖިމް ސަރްބް، ޝަޝަންކް އަރޯރާގެ އިތުރުން ޝިވާނީ ރަގްވަންޝީއާ އެކީ ބޮޑު ކާސްޓެއް ހިމެނެ އެވެ.

"މޭޑް އިން ހެވަން" ގައި ދައްކަނީ ދިއްލީގައި ދެ ވެޑިން ޕްލޭނަރުންގެ ގޮތުގައި ސޮބިތާ އާއި އަރުޖުން ދައްކައެވެ. ފުރަތަމަ ސީޒަން ނިމުނީ ސޮބީތާގެ ފިރިމީހާ އޭނާގެ ކުޑައިރުގެ ރައްޓެއްސަކާއި ލޯބީގެ ގުޅުމެއް އޮތްކަން އެގޭ ހިސާބުންނެވެ. ފުރަތަމަ ސީޒަނަށް ބޮޑު ތަރުހީބެއް ލިބުމުން ދެވަނަ ސީޒަނެއް އުފައްދަން ޕްރޮޑަކްޝަން ޓީމުން ނިންމީއެވެ.

2000 ގެ އަހަރުންތަކުން ފެށިގެން އެކްޓްކުރުމާ ދުރަށް ޖެހުނުކަމުގައިވިޔަސް، އިންޑިއާގެ އެންޓަޓައިންމަންޓް ޗެނަލްތަކުން ހިންގާ ތަފާތު ރިއަލިޓީ ޝޯވތަކާއި، މިއުޒިކާއި ނެށުމުގެ މުބާރާތްތަކުގައި ގެސްޓް އެޕިއަރެންސެއްގެގޮތުގައި ނީލަމް އެކި ފަހަރުމަތިން ފެނިފައިވެއެވެ.