ޚަބަރު

އަދީބުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސްގެ ނަން ހުށަހަޅައިފި


މާލެއަތޮޅު ފަޅެއް ޤަވާޢިދާ ހިލާފަށް ދޫކުރެއްވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބްގެ މައްޗަށް ދައުލަތުން ކުރައްވާ ދަޢުވާގައި އަދީބްގެ ފަރާތުން ދިފާޢީ ހެއްކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނަން ކޯޓަށް ހުށައަޅުއްވައިފިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ދަށުގައި ނުވާކަމަށް ބުނާ ފަޅެއް އަމިއްލަ ކުންފުންޏަކަށް ފަންސާސް އަހަރަށް ކުއްޔަށް ދެއްވި މައްސަލާގައި ދައުލަތުން އަޙުމަދު އަދީބްގެ މައްޗަށް އުފުއްލްވާފައިވަނީ ރަސްމީ ހައްސިއްޔަތު ނަހަމުގޮތުގައި ބޭނުންކުރެއްވިކަމުގެ ކުށުގެ ދަޢުވާއެވެ.މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުމުގައި ހެކިންގެ ތެރޭގައި ރައީސް ޔާމީންގެ ނަން ހުށައެޅީ ފަޅުތައް ދޫކުރީ އެމަނިކުފާނަށް އެނގިވަޑައިގެން ރައީސްގެ ލަފާފުޅުގެ މަތިންކަން ސާބިތިކޮށް ދިނުމަށްކަމަށް އަދީބްގެ ޤާނޫނީ ޓީމުން ބުނެފައިވެއެވެ. ދެ ފަރާތުން ހެކިން ހުށައެޅި މިއަދުގެ އަޑުއެހުމުގައި އަދީބްގެ ފަރާތުން ހެއްކެތް ގޮތުގައި ކުރީގެ ޔޫތް މިނިސްޓަރ މަލީހް ޖަމާލްގެ ނަންވެސް ހުށައަޅުއްވާފައިވެއެވެ. ދައުލަތުން އަދީބާ ދެކޮޅަށް ސިއްރު ހެކީގެ ގޮތުގައި ހަ މީހަކާއި ގިނަ ޢަދަދެއްގެ ލިޔުންތައް ހުށައަޅާފައިވެއެވެ. މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމާލެއްވީ ހެކިބަސް ނެގުމަށް ތައްޔާރުވާން ފަނަރަ ދުވަހުގެ މުއްދަތު ދެފަރާތަށް ދެއްވުމަށްފަހުއެވެ.