ޚަބަރު

ވިލިމާލެ ހޮސްޕިޓަލުން މުއްދަތް ހަމަވެފައި ހުރި ވެކްސިން ޖަހާ ވާހަކަ ދޮގުކޮށްފި


ވިލިމާލެ ހޮސްޕިޓަލުން، މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ޖަހާފައިވާކަމަށް ބުނެ ފެތުރޭ ޚަބަރުތައް އެހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

މިއީ މިހޮސްޕިޓަލާ ގުޅޭގޮތުން މިފަދަ މައްސަލައެއް ފެންމަތިވި ދެވަނަ ފަހަރެވެ. މީގެކުރިން މި އަހަރުގެ މެއި މަހުވެސް މިހޮސްޕިޓަލުން ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތް ހަމަވެފައިވާ ވެކްސިނެއް ޖެހި މައްސަލައެއް ފެންމަތިވިއެވެ.

ވިލިމާލެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވަނީ މެއި މަހު ހިނގައިދިޔަ މައްސަލާގެފަހުން އެފަދަކަމެއް ހިނގާފައި ނުވާ ކަމަށެވެ. މެއި މަހު ހިނގި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގުކޮށް އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް އެބަޔާނުގައިވެއެވެ. އަދި އެފަދަކަމެއް ދެން ތަކުރާރުނުވާނެކަން ޔަގީންކޮށްފައިވާކަމަށް ވެސް ބުނެފައިވެއެވެ.

މެއި މަހު ހިނގައިދިޔަ ޙާދިސާގެ މައްސަލައާ ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާވެސްލިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ދެވަނަ ފަހަރަށް އެފަދަ ކަމެއް ހިނގާފައިވާކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.