ޚަބަރު

ދިއްފުށިން ލެބޯޓްރީ ޚިދުމަތްދޭން ފަށައިފި


ކ.ދިއްފުށީގައި ލެބޯޓްރީގެ ޚިދުމަތްދޭން ފަށައިފިއެއެވެ. އެ ރަށުގައި މިއަދު އެ ޚިދުމަތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޢާދިލެވެ.

މިޚިދުމަތާއެކު އެތައް ފަސޭހައެއް އެރަށުގެ ރައްޔިތުންނަށް ވަނީ ލިބިގެންގޮސްފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުންބޭރަށް ނުގޮސް ތެލެސީމިއާ ކުދިންނަށް އެރަށުން ލޭ އެޅޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ލެބޯޓްރީގެ ޚިދުމަތް ފެށުމުން ޢާންމުކޮށް ހަދަންޖެހޭ ގިނަ މެޑިކަލް ޓެކްޓްތައް އެރަށުން ހެދޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

އޭގެ ސަބަބުން ހަކުރުބައްޔާއި ހިތުގެ ބައްޔާއި ލޭމައްޗަށްދިއުމާއި ކިޑްނީ މައްސަލަތައްފަދަ ޢާއްމުކޮށް ފާހަގަކުރެވޭ ބޮޑެތި ބަލިތައް ދެނެގަތުމަށް ފަސޭހަވެ، ދުރާލައި ބަލިތައް ދެނެގަތުމަށް މަގުފަހިވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވިގޮތުގައި ރާއްޖޭގައި އާންމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާއި ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ވެސް މި ލެބޯޓްރީގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

ލެބޯޓްރީއާއެކު މިއަދުވަނީ އިމަޖެންސީ ހާލަތުގައި ކުއްލި ފަރުވާ ލިބޭނެ ނިޒާމެއްވެސް ގާއިމުކޮށް ހުޅުވާފައެވެ.