ބޮލީވުޑް ސުޕަރ ސްޓަރ ސަލްމާން ޚާންއާއެކު މީގެކުރިންވެސް ވަރަށް ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކުރި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު އަނެއްކާވެސް ސަލްމާނާއެކު ފިލްމެއް އުފައްދަން ތައްޔާރުވެއްޖެއެވެ.
ސްކްރީން ޕްލޭގެ މަސައްކަތްވެސް ފަށާފައިވާ މި ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށް އަލީ ބުނެއެވެ. އަދި ވަރަށް އަވަހަށް ސްކްރިޕްޓް ސަލްމާނާއި ހިއްސާކުރާނެ ކަމަށްވެސް އަލީ ބުނެއެވެ.
ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ، މި ފިލްމު ވެގެންދާނީ 2016 ވަނަ އަހަރު ނެރުނު "ސުލްތާން"، 2017 ވަނަ އަހަރު ދެއްކި "ޓައިގާ ޒިންދާ ހޭ" އަދި 2019 ވަނަ އަހަރު ދެއްކި "ބާރަތު" ފަދަ ބްލޮކްބަސްޓަރ ފިލްމުތަކަށްފަހު މި ދެމީހުން އެކުގައި އުފައްދާ 4 ވަނަ ފީޗަރ ފިލްމެވެ.
އަލީ މިހާރު އަންނަނީ ޓައިގާ ޝްރޮފާއި އަކްޝޭ ކުމާރާ އެކީ ހަދަން ނިންމާފައިވާ އެކްޝަން ކޮމެޑީ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޝޫޓިން ފަށަން ތައްޔާރީތައް ވަމުންނެވެ. މި ފިލްމަކީ އަންނަ އަހަރުގެ ޑިސެމްބަރަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.
ޔާޝް ރާޖް ފިލްމްސް، ވައިއާރްއެފް އިން ޕްރޮޑިއުސްކުރާ "ޓައިގާ" ފްރެންޗައިޒްގެ 3 ވަނަ ބައިގެ މަސައްކަތް ކުރިއަށްއޮތް ނަމަވެސް އަލީގެ އެހެން ޕްރޮޖެކްޓްތަކާ ހެދި އެ ފިލްމު ވަނީ ދޫކޮށްލާފައެވެ.
ކަބީރު ޚާން ޑައިރެކްޓުކޮށް ނެރުނު އެ ފްރެންޗައިޒްގެ ފުރަތަމަ ފިލްމު "އެކްތާ ޓައިގާ" އަށްފަހު އޭގެ ދެވަނަ ބައި ކަމަށްވާ "ޓައިގާ ޒިންދާ ހޭ" ޑައިރެކްޓުކުރީ އަލީ އެވެ. "ޓައިގާ" ގެ ތިންވަނަ ބައި ރިލިޒްކުރާނީ އަންނަ އަހަރު އޭޕްރީލް ގައެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ މަނީޝް ޝަރުމާއެވެ.