ވިޔަފާރި

ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމަކަށް ކ.ތޮޅިމަރާހުރާ ތަރައްޤީކުރަނީ


ކ. ތޮޅިމަރާހުރާގައި ދުނިޔޭގައި ތަރައްޤީކުރާ ފުރަތަމަ ނެޓް ކާބަން-ނިއުޓްރަލް އިންޓެގްރޭޓެޑް ޓުއަރިޒަމް ރަށްތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދުބާއީ ކުންފުންޏަކުން މަސައްކަތް ފަށައިފިއެވެ.

ޕްރޮޖެކްޓް ޑެލްފިންގެ ނަމުން ނަންދީފައިވާ މި މަޝްރޫޢުއަކީ ދުބާއީގައި ހިންގާ އެޓޯލް އެސްޓޭޓްސް ނަމަކަށް ކިޔާ ކުންފުންޏަކުން ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ތެރެއިން ތަރައްޤީ ކުރެވޭ ރިސޯޓުތައް ވެގެންދާނީ، ދުނިޔޭގެ ފުރަތަމަ އިޔާދަ ކުރަނިވި ހަކަތައަށް އެއްކޮށް ބަރޯސާވެ، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން ހިންގޭ ލަގްޒަރީ ރިސޯޓަށް ކަމަށް އެކުންފުނިން ބުނެއެވެ.

މާލެ އަތޮޅުގެ ދެކުނުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ރިސޯޓުތައް ތަރައްޤީކުރަނީ ތިމާވެއްޓަށް ވަރަށް ބޮޑަށް ބެލިގެންކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި ސަރަހައްދަކީ 5 ކިލޯމީޓަރު ދިގު 1.35 ކިލޯމީޓަރު ފުޅާ ސަރަހައްދެއްގައި އެއް ފަޅެއްގެ ތެރޭގައި ހުރި ރަށްތަކެކެވެ. މި ސަރަހައްދުގެ މަސައްކަތް ކުރާނީ އިތުރު 50 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށް އެކުންފުނިން ބުނެއެވެ. އަދި ބިން ހިއްކާނީ ތިމާވެއްޓަށް ވީހާވެސް ބޮޑަށް ގެއްލުން ނުވާގޮތަށް ކަނޑުގެ ވަރަށް ފުނުން ވެލި ނަގައިގެން ކަމަށް އެކުންފުނިން ބުނެއެވެ.

އަދި ސަރަހައްދު ހިއްކައި ނިމުމާއިއެކު މުރަކަ އިންދާ އާލާކުރުމުގެ ބޮޑު ޕްރޮގްރާމެއް ހިންގާނެ ކަމަށް އެކުންފުނިން ބުނެއެވެ. މި ސަރަހައްދުގައި ތަރައްޤީ ކުރެވޭ ރައްތަކުގައި ދުރުމިނުގައި ހުންނާނީ 500 މީޓަރުކަމަށް އެޓޯލް އެސްޓޭޓް އިން ބުނެއެވެ. އަދި ކޮންމެ ރަށެއް ގުޅުވާލީ ފެން މަތިން އަޅާ ފާލަމަކުންކަމަށް އެކުންފުނިން ބުނެއެވެ. މިރަށަށް ވެލާނާ އެއާޕޯޓުން ސްޕީޑް ބޯޓެއްގައި 40 މިނެޓުން ދެވޭނެއެވެ.

މިމަޝްރޫޢު ނިންމުމަށް އެކުންފުނިން އަމާޒު ހިފާފައިވަނީ 2025 ވަނަ އަހަރުއެވެ. އެޓޯލް އެސްޓޭޓް ކުންފުންޏަކީ ރަޝީއާއި އަދި ޔޫއޭއީ އިންވެސްޓަރުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ ވެރިން ބުނެފައިވަނީ ރާއްޖެ ފަދަ ފަތުރުވެރިކަން ކުރިއަރާފައިވާ ޤައުމެއްގައި މިފަދެއް ފުރުސަތުތަކަކީ މުހިންމު ފުރަސަތެއްކަމަށެވެ.

ކ. އަތޮޅު ތޮޅިމަރާހުރާ އަދި ފިނޮޅަކީ 2016 އަހަރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށެކެވެ. އެރަށް އޭރު ދޫކޮށްފައިވަނީ ދުބާއީގެ ޑެލްމާ ކުންފުންޏަށެވެ. ނަމަވެސް އެކުންފުނިން އެރަށް އެންމެ ފަހުން ވިއްކާލަން ނިންމުމާއިއެކު ޓުއަރިޒަމް މިނިސްޓްރީން ވަނީ ރަށްތައް ވިއްކާލުމުގައި އިއުތިރާޒެއް އޮތްތޯ ބެލުމަށް އިއުލާންވެސް ކޮށްފައެވެ. މިރަށް ވިއްކާލުމުން އެތަން ގަނެފައިވަނީ ދުބާއީގެ އެޓޯލް އެސްޓޭޓް ކުންފުނިންނެވެ.