ޖަޕާނުގެ މަޒްޑާއާއި ޓޯޔޯޓާ ކުންފުނިން ރަޝިޔާގައި ހިންގަމުން އަންނަ ކާރުޚާނާ ބަނދުކުރުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައެވެ.
ޖަޕާނުގެ މަޒްޑާ އަދި ޓޮޔޯޓާ ކުންފުނިންވެސް ކާރުޚާނާތައް ބަނދުކުރުމަށް ނިންމާފައިވަނީ ދާދި އެއް ސަބަބަކާ ހެދިއެވެ. އެއީ ރަޝީޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެތަންތަން ހިންގުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި އެހެނިހެން ސާމާނު ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމުންނެވެ.
މިގޮތުން ހުކުރު ދުވަހު ޓޯޔޯޓާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން ރަޝީޔާގައި ހިންގަމުންދާ ކާރުޚާނާ، ސަޕްލައި ޗޭއިނަށް ހުރި ގޮންޖެހުންތަކާއި ގުޅިގެން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އެކުންފުނިން ސެއިންޓް ޕީޓާސްބާގްގައި ހިންގަމުންދިޔަ ފެކްޓަރީގެ މަސައްކަތް މާރިޗު މަހުން ފެށިގެން ވެސް ވަނީ މަޑުޖައްސާލާފައެވެ. މިއާއެކު ވޭތުވެދިޔަ 6 މަސް ދުވަހު ކުރި މަސައްކަތުންވެސް މިމައްސަލައަށް ހައްލެއް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ފެނިފައި ނުވާކަމަށް ޓޮޔޯޓާ ކުންފިނިން ބުނެއެވެ.
ޓޮޔޯޓާއިން ބަނދުކުރާ ކާރުޚާނާއަކީ އަހަރަކު 100،000 ޔުނިޓް އުފެއްދުމުގެ ކެޕޭސިޓީ ހުރި ކާރުޚާނާއެކެވެ. މި ކާރުހާނާ ބަނދުކޮށް ރަޝިޔާގައި މިހާރު ކުރިއަށްގެންދާ ރީޓެއިލް ވިޔަފާރި ފިޔަވައި އިތުރު ވިޔަފާރިއެއް ކުރިއަން ނުގެންދަން ނިންމާފައިވާ ކަމަށް ޓޮޔޯޓާއިން ވަނީ ހާމަކޮށްފައެވެ.
ޓޮޔޯޓާގެ މިގޮތަށް ނިންމާފައިވާއިރު، ޓޮޔޯޓާ ކުންފުންޏާއި އެންމެ ވާދަވެރި މަޒްޑާ ކުންފުނިންވެސް މިފަދަ ނިންމުމަކަށް ގޮސްފައިވާ ކަމަށް ޖަޕާނުގެ ނިއްކޭއި ނޫހާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓު ކުރެއެވެ. މަޒްޑާއި އިން ބަނދުކުރުމަށް ނިންމާފައިވާ ފެކްޓަރީއަކީ އަހަރަކު 30،000 ކާރު އުފައްދަމުން ދާ ފެކްޓަރީއެކެވެ. ރޮއިޓާސްއިން ރިޕޯޓުކުރާ ގޮތުގައި މަޒްޑާއިން ބަނދުކުރާ ފެކްޓަރީގައި މަސައްކަތް އެއްކޮށް ހުއްޓާލާނީ އެތަނުގައި މިހާރު ހުރި ސްޓޮކް އެއްކޮށް ހުސްކުރުމަށްފަހުއެވެ.
މަޒްޑާއިން އެކުންފުނީގެ ކާރުޙާނާ ބަނދުކުރި ނަމަވެސް އެކުންފުނިން ރަޝިޔާގައި ކުރަމުން އަންނަ ކާރު ވިއްކުމާއި ރީޓެއިލް ވިޔަފާރިތަކާއި މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށް ނިއްކޭއި ނޫހާއި ހަވާލާދީ ރޮއިޓާސްއިން ބުނެއެވެ.
ރަޝިއާއިން ޔޫކްރެއިން ދިން ހަމަލާއާއި ގުޅިގެން ބައިނަލްއަޤްވާމީ ގިނަ ވިޔަފާރިތަކުން ހުޅަނގުން އެޅި ފިޔަވަޅުތަކަށް ބޯލަނބައި އެ ޤައުމު ދޫކޮށްވަނީ ގޮސްފައެވެ. އަދި އެ ޤައުމުގައި މަޑު ކުރި ވިޔަފާރިތަކަށްވެސް މިހާރު ސަޕްލައި ޗެއިންގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. މިއާއެކު ރަޝިޔާގައި ކާރު އުފައްދާ ގިނަ ފެކްޓަރީތައް ވަނީ ބަނދުކޮށްފައެވެ.