ރަޝިޔާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދޭ ނޯޑް ސްޓްރީމް ޕައިޕްލައިނަށް ދެ ތަނަކުން ގެއްލުން ލިބި ބަލްޓިކް ކަނޑަށް ގޭސް ލީކުވާން ފަށައިފިއެވެ.
ނޯޑް ސްޓްރީމް ގޭސް ލައިނަކީ ރަޝީޔާއާއި ޔޫރަޕްގެ ޤައުމުތަކުން އެތަކެއް ބިލިއަން ޑޮލަރެއް ހޭދަކޮށްގެން ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމަށް ކަނޑުން އަޅާފައިވާ ޕައިޕްލައިނެކެވެ. މި ޕައިޕްލައިނަށް ލިބުނު ގެއްލުންތަކުގެ ސަަބަބުން މިހާރުވެސް ޔޫރަޕުގައި ގޭހުގެ އަގުވަނީ އުފުލިފައެވެ.
މި ޕައިޕްލައިންގެ ދެ ތަނަކަށް ގެއްލުން ވެފައިވެއެވެ. ޕައިޕްލައިނަށް ގަސްތުގައި ބަޔަކު ގެއްލުން ދީފައިވާކަމަށް ޔޫރަޕުގެ ޤައުމުތަކުން ވަނީ ތުހުމަތުކޮށްފައެވެ. މި ގެއްލުން އެންމެފުރަތަމަ ހޯމަ ދުވަހު ރިޕޯޓުކުރިއިރު، އޭގެ ފަހުން މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށް ފާހަގަވެފައިވާކަން ޔޫރަޕް ޤައުމުތަކުން ވަނީ ހާމަކޮށްފައެވެ. މި ޕައިޕްލައިންގެ ގެއްލުން ވެފައިވަނީ ބަލްޓިކް ކަނޑުގެ ސަރަހައްދުން ސްވީޑެންގެ އިޤްތިޞާދީ ސަރަހައްދުގެ ތެރެއިންނާއި ޑެންމާކްގެ އިޤްތިޞާދީ ސަރަހައްދުގެ ތެރެއިންނެވެ.
މި ގޭސް ލީކާ ގުޅިގެން ޑެންމާކާއި ސްވިޑެންގެ ސެއިސްމޮލޮޖިސްޓުން ބުނެފައިވަނީ ލީކް ފާހަގަ ކުރެވުނު ދެ ސަރަހައްދުން ޤުދުރަތީ އަޑުތަކަށްވުރެ ބާރު ގަދަ ގޮވެމެއްގެ އަޑު ރެކޯޑު ކުރެވިފައިވާ ކަމަށެވެ. ރަޝިޔާއިންވެސް ވަނީ ޕައިޕްލައިނަށް ގެއްލުންވެފައިވާ ކަން ހާމަކޮށް މިއީ ކަނބޮޑުވާން ޖެހޭ ކަމެއް ކަމުގައި ބުނެފައެވެ.
ޔޫކްރެއިންއިން މިއީ ރަޝީޔާއިން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ޔޫރަޕްގެ އެހެން ޤައުމުތަކުން ވަނީ މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެވެ. ޖަރުމަންވިލާތުން ވަނީ އެ ޤައުމަކީ އަމިއްލައަށް ދިފާއުވާން އެނގޭ ޤައުމެއް ކަމަށާއި، ޔޫރަޕަކީ އެ ސަރަހައްދު ހަކަތައިގެ އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރަން އެނގޭ ބައެއް ކަމަށް ބުނެފައެވެ. ސްވިޑެން އަދި ޑެންމާކް ފަދަ ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ސަރަހައްދުތަކުގައި ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. އަދި ނޭޓޯއާއި އެކު މަޝްވަރާތަށް ކުރެވެމުންދާކަން ވަނީ ހާމަކޮށްފައެވެ.
ޔޫރަޕުގެ ޤައުމުތަކަށް ނޯޑް ސްޓްރީމް ޕައިޕްލައިން ބޭނުންކޮށްގެން މިވަގުތު ގޭސް ފޯރުކޮށް ނުދެއެވެ. ރަޝީޔާއިން ޔޫކްރެއިންގައި ފެށި ހަނގުރާމައިގެ ސަބަބުން ގޭސް ހުޅަނގު ޤައުމުތަކުން އެޅި ފިޔަވަޅުތަކުގެ ރައްދުގައި ރަޝިޔާއިން ފުރަތަމަ ފޯރުކޮށްދިން ގޭސް މަދުކުރިއެވެ. އަދި އޭގެ ފަހުން ފިޔަވަޅުތަކުގެ ސަބަބުން ޓެކްނިކަލް މައްސަލަތައް ދިމާވާ ކަމަށް ބުނެ އޯގަސްޓް މަހުގެ ތެރޭ ގޭސް ޔޫރަޕަށް ފޮނުވުން އެއްކޮށް ހުއްޓާލިއެވެ.
ނޯޑް ސްޓްރީމް ޕައިޕްލައިންއަށް މިހާރު ލިބުނު ގެއްލުމުގެ ސަބަބުން ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ، މިފަހަރުގެ ފިނި މޫސުމަށް ޔޫރަޕަށް ގޭސް ލިބުމުގެ ފުރުސަތު މިވީގޮތުން އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އެއީ ސިޔާސީ މައްސަލަގަނޑު މިވަގުތު ހައްލުވިނަމަވެސް ލިބުނު ގެއްލުން އެހައިތަނަށް ފޫނުބެއްދޭނެތީއެވެ.
މިވަގުތު ޔޫރަޕަށް ހަކަތައިގެ އަގު އުފުލުމުގެ މައްސަލަވަނީ ވަރަށް ބޮޑަށް ދިމާވެފައެވެ. އެގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު އަގުތަށް މިހާރުވެސް ހުރީ 200 އިންސައްތަ މަތީގައެވެ. ގިނަ މާހިރުން ބުނަނީ މިގޮތަށްވީ އެންމެ ބޮޑު ސަބަބަކީ ޔޫރަޕުގެ ޤައުމުތަކުން ރަޝިޔާއަށް ހަކަތައިގެ ކަންކަމުގައި މާބޮޑަށް ބަރޯސާ ވުމެވެ.