ދުނިޔޭގެ ވިޔަފާރި

އިންޑިއާގެ އެންމެ އަގުހެޔޮ އިލެކްޓްރިކް ކާރު ބާޒާރަށް ނެރެފި


އިލެކްޓްރިކް ކާރު އުފައްދާ އިންޑިއާގެ ހަމައެކަނި ކުންފުނި ޓާޓާއިން އެ ޤައުމުގެ އެންމެ އަގުހެޔޮ އިލެކްޓްރިކް ކާރު ބާޒާރަށް ނެރެފިއެވެ.

ޓާޓާއިން 10،000 ޑޮލަރަށް ބާޒާރަށް ނެރެފައިވާ 'ޓާޓާ ޓިއާގޯ އީވީ' އަކީ އެ ކުންފުނީ ޓިއާގޯ ހެޗްބެކްގެ އިލެކްޓްރިކް މޮޑެލްއެކެވެ. ޓާޓާ ކުންފުނިން ޓިއާގޯ ކާރުގެ އިލެކްޓްރިކް މޮޑެލްއެއް ނެރެފައިވާއިރު މިވަގުތު އިންޑިއާގެ މާކެޓަށް އިލެކްޓްރިކް ކާރު ވިއްކާ ހަމައެކަނި އިންޑިއާ ކުންފުންޏަކީވެސް ޓާޓާއެވެ. ޓިއާގޯ ކާރުގެ އިތުރުންވެސް މީގެ ކުރީން ޓިގޯ ކޮމްޕެކްޓް ސެޑާންގެ ނަމުގައި އިލެކްޓްރިކް ކާރެއް އެކުންފުނިން ބާޒާރަށް ނެރެފައިވެއެވެ. ނަމަވެސް އެ ކާރު ބާޒާރަށް ނެރެފައިވަނީ 14،900 ޑޮލަރަށެވެ.

ޓިއާގޯ އިލެކްޓްރިކް ކާރުގެ ދެ މޮޑެލްއެއް އެކުންފުނިން ބާޒާރަށް ނެރެފައިވެއެވެ. އެއީ 315 ކިލޯމީޓަރަށް އެންމެ ފަހަރަކު ޗާޖުކޮށްގެން ދުވާ މޮޑެލް އަދި 250 ކިލޯމީޓަރަށް ދުވާ މޮޑެލްއެކެވެ. މިއިން 10،000 ޑޮލަރަށް ވިއްކަނީ 250 ކިލޯމީޓަރު ރޭންޖުގެ ކާރެވެ. އެކުންފުނިން ހާމަކުރާ ގޮތުގައި މިކާރުގެ ޚަރަދު އެކުންފުނީގެ ޓިއާގޯ ޕެޓްރޯލް ކާރު ތަކާއި އަޅާ ބަލާއިރު 1/7 ކުޑަވާނެއެވެ.

ޓާޓާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސެއިލާޝް ޗަންދްރަ ވިދާޅުވީ، އެކުންފުނީގެ އަމާޒަކަށްވީ އެއްގޮތަކަށްވެސް އެންމެ އަގުހެޔޮ އިލެކްޓްރިކް ކާރު އުފެއްދުން ނޫން ކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ކުދި އަވަށްތަކުގެ މީހުންނަށްވެސް އަތް ފޯރާ ފަށުގައި އަގުހެޔޮކޮށް އިލެކްޓރިކް ކާރެއް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި މިއީ ޓާޓާއިން މާކެޓަށް އިތުރު އިލެކްޓްރިކް ކާރު މޮޑެލްތައް ނެރުމަށް ހުޅުވާ ދޮރެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

މީގެ އިތުރުން ޓާޓާއިން ޓިއާގޯގެ ކާރުތައް މިއަގުގައި ވިއްކާނީ ފުރަތަމަ 10،000 ކާރު ކަމަށް އެކުންފުނިން ބުނެއެވެ. މިކަމާއި ގުޅިގެން ކުންފުނިން ބުނެފައިވަނީ އެކުންފުންޏަށް އަބަދުވެސް ހަމަ އަގު ހޯދުމަކީ ގޮންޖެހުމެއް ކަމަށެވެ.

ޓާޓާއިން އިލެކްޓްރިކް ކާރުތަކުގެ އިތުރު މޮޑެލްތައް ބާޒާރަށް ނެރުމަށް، މިދިޔަ އަހަރު އިންވެސްޓްމެންޓުގެ ގޮތުގައި 1 ބިލިއަން ޑޮލަރު ހޯދިއެވެ. އަދި 2026 ވަނަ އަހަރު އަންނަންވާއިރަށް އިލެކްޓްރިކް ކާރުތަކުގެ 10 މޮޑެލް ބާޒަރަށް ނެރުމަށް ޓާޓާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ކާރު މާކެޓަށް ބަލާއިރު އަހަރަކު 3 މިލިއަން ކާރު ވިކެއެވެ. ނަމަވެސް އިލެކްޓްރިކް ވެހިކަލްސް މީގެއިން ހިއްސާ ކުރަނީ އެންމެ އިންސައްތައެކެވެ. އެހެން ކަމުން އިންޑިއާ ސަރުކާރުގެ މިހާރުގެ އަމާޒަކީ 2030 އަންނަންވާއިރަށް މާކެޓުގެ 30 އިންސައްތަ އިލެކްޓްރިކް ކާރަށް ބަދަލު ކުރުމެވެ. މިގޮތުން މި ބާވަތުގެ ކާރު އުފައްދާ ކުންފުނިތަކަށް ބޮޑަށް ސަބްސިޑައިޒްކޮށް އިމްޕޯޓު ކުރުމުގެ އަގުތައްވެސް ވަނީ މަތިކޮށްފައެވެ.

ޓާޓާގެ އިތުރުން އިންޑިއާގެ މަހިންދްރަ ކުންފުނިންވެސް ދަނީ ބާޒާރަށް އިލެކްޓްރިކް ކާރު ނެރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިލެކްޓްރިކް ވެހިކަލް ޔުނިޓް އުފެއްދުމަށް 500 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ހޯދާފައިވާއިރު ފުރަތަމަ ކާރު ޖެނުއަރީ މަހު ބާޒާރަށް ނެރޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.