ވިޔަފާރި

ޗައިނާގެ ފޫޒޯއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް މާދަމާ ފަށަނީ


ޗައިނާގެ ފޫޒޯއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެގޮތުން، ފޫޒޯއިން ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް މާދަމާ ރާއްޖެ އަންނާނެއެވެ.ރާއްޖޭގެ ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަނުން ޗައިނާގެ ފޫޒޯއިން ދަތުރުތައް ފަށާފައިވާއިރު، ޗައިނާގެ އެހެން ސަރަޙައްދުތަކުންވެސް ސީދާ ދަތުރުތައް އައިލެންޑް އޭވިއޭޝަނުން ދަނީ ކުރަމުންނެވެ. ފޫޒޯއަށް އައިލެންޑް އޭވިއޭޝަނުން މާދަމާ ދަތުރުތައް ފަށާއިރު، މިއީ މޯލްޑިވިއަނުން ޗައިނާއަށް ސީދާ ދަތުރުތައް ފަށާ ހަވަނަ މަންޒިލްކަމަށް އައިލެންޑް އޭވިއޭޝަނުން ޕީއެސްއެމަށް މަޢުލޫމާތުދެއްވިއެވެ. ޗައިނާގެ ފޫޒޯއަށް ކުރާ ދަތުރުތަކަށް މޯލްޑިވިއަނުން 150 މީހުންގެ ޖާގައިގެ ބޯޓަކާއި، 180 މީހުންގެ ޖާގައިގެ ބޯޓެއް ބޭނުންކުރާނެކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތުދެއްވިއެވެ.އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، އެކުންފުނިން ފޫޒޯއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމީ، ފޫޒޯއިން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިނަށް ރާއްޖެއަށް ދަތުރުކުރެވޭނެ ސީދާ ފްލައިޓެއް ނެތުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނެސް، ފޫޒޯއިން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ ފުރުޞަތު ހޯދައިދިނުމަށްކަމަށެވެ. މީގެއިތުރުން އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، ފޫޒޯއަށް މި ފަށާ ދަތުރުތަކުގެ ސަބަބުން ވިޒިޓް މޯލްޑިވްސް އިޔަރަގެ ގޮތުގައި މިއަހަރު ފާގަކުރާއިރު، ޗައިނާގެ މަންޒިލްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެކަމަށެވެ.ޗައިނާގެ ފޫޒޯއާއި، ރާއްޖެއާއި ދެމެދު ކުރާ ދަތުރުތައް ހަމަޖެހިފައިވަނީ، 5 ދުވަހަކުން ފްލައިޓެއް ދަތުރުކުރާ ގޮތަށްކަމަށާއި، މިގޮތަށް ކުރާ ދަތުރުތަކުން ކޮންމެ ދަތުރަކަށް ގާތްގަނޑަކަށް 150 ފަތުރުވެރިން ގެނެވޭނެކަމަށް އަންދާޒާކުރެވޭކަމަށްވެސް އެކުންފުނިންގ މަޢުލޫމާތުދެއްވައެވެ.