ޚަބަރު

މާރަންދޫ ޙަސަން ވަޙީދުގެ ދިރިއުޅުން ބަދަލުކޮށްލީ އާރުޓީއެލް


"އާރު.ޓީ.އެލްގެ ވަޒީފާގެ އިއުލާން ފެނުނީމަ އަޅުގަނޑު ކުރިމަތިލީ ރަށުގައި މައިންބަފައިންނާއި އަނބިދަރިން ކައިރީގައި ހުރެވޭ ވަޒީފާއަކަށްވެފައި ކަނޑުމަތީގައި އުޅެން ޝައުގުވެރިވާތީ"

މިއީ ސަރުކާރުގެ ފެރީ ނިޒާމުކަމަށްވާ އާރު.ޓީ.އެލް ފެރީއެއްގެ ކެޕްޓަނެއްގެ ވާހަކައެވެ. ހުދު ތޮތްޕެއް އަޅައި ހުދު ޔުނިފޯމެއް ލައިގެން ކޮނޑުމަތީގައި ރޭންކު ހަރުކޮށްފައި ހުރި މި ޒުވާނާޔާ އަޅުގަނޑާ ބައްދަލުވީ ޤައުމީ ދުވަހުގެ ރޭ ދިއްދޫގައި އޮތް "ތިލަދުންމަތި ގުޅާލުން" ރަސްމިއްޔާތުގެ ތެރެއިންނެވެ. ދިއްދޫން ބައްދަލުވީ ނަމަވެސް މިއީ ހއ.މާރަންދޫ ޒުވާނެކެވެ. ނަމަކީ ޙަސަން ވަޙީދު، ހއ.މާރަންދޫ ސޯސަންގެއެވެ.

މިއަދު އާރު.ޓީ.އެލް ފެރީއެއްގެ ކެޕްޓަނެއް ނަމަވެސް މީގެ ތިން އަހަރު ކުރިން ޙަސަން ދިރިއުޅެމުން ދިޔައީ މާލޭގައެވެ. އޭރު ވަޒީފާ އަދާކުރަމުން ދިޔައީ އެމް.އެން.ޑީ.އެފްގައެވެ. ނަމަވެސް މާލެ އަކީ ޙަސަންއަށް އުޅެވޭވަރު ތަނަކަށް ނުވިއެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމެވެ. މައިންބަފައިންނާއި އަނބިދަރިން އެކަނި ރަށުގައި އުޅެންޖެހުމެވެ.

7 އަހަރުގެ ކުއްޖަކާ 13 އަހަރުގެ ކުއްޖަކު ހަސަންގެ ތިބެއެވެ. އެމީހުންނާ ދުރުގައި އުޅެން ބޭނުމެއް ނުވިއެވެ. އެހެންވެ ވަޒީފާ ދޫކޮށްލުމަށްފަހު ރަށަށް ބަދަލުވީއެވެ. ވަޒީފާއެއް ހަމަޖެހިގެންނެއްވެސް ނޫނެވެ. އާއިލާ ބަލަހައްޓަންޖެހޭތީއެވެ. އުފަން ރަށް މާރަންދޫއަށް ގޮސް އާމްދަނީ ހޯދުމަށް މަހަށްވެސް ދާން ފެށިއެވެ. ދުވަސްތަކެއް ފަހުން އެކްސްކަވޭޓަރ އޮޕަރޭޓުކުރުމުގެ ވަޒީފާއެއް ރަށުން ލިބުނެވެ. ނަމަވެސް އެއީ ދޮޅުމަސް ދުވަހުގެ ވަޒީފާއެކެވެ. އެއަށްފަހު އަނެއްކާވެސް ދެ އަތް އުރާލައިގެން ހުންނަންޖެހުނީއެވެ.

ޙަސަން ވަޙީދުގެ ދިރިއުޅުމަށް ބަދަލެއް އައީ މުޅި ރާއްޖެ ޓްރާންސްޕޯޓު ލިންކަކުން ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނިންމަވައި، އާރު.ޓީ.އެލް ފެރީ ނިޒާމު އަތޮޅުތެރޭގައި ފެށުމުގެ އަމަލީ މަސައްކަތް ފެށުމުންނެވެ. އާދައިގެ އާންމު ދުވަހަކު ހަސަން ވަހީދުގެ ލޮލުގައި އަޅައިގަތީ ވަޒީފާގެ އިއުލާނެކެވެ. އެމް.ޓީ.ސީ.ސީ އަށް ފެރީ ދުއްވާނެ ކެޕްޓަނެއް ބޭނުންވެގެން ކޮށްފައިވާ އިއުލާނެކެވެ.

މިއީ ރަނގަޅު ފުރުސަތެއްކަމަށް ޤަބޫލުކޮށް ވަޒީފާއަށް ކުރިމަތިލީއެވެ. ނަސީބު އަތުގައި ހިފީ ދެނެވެ. އާރު.ޓީ.އެލް ހދ.މާރަންދޫ ރޫޓުގެ ފެރީގެ ކެޕްޓަންކަމުގެ ވަޒީފާ ޙަސަން ވަޙީދުއަށް ލިބުނީއެވެ.

"
"ގިނަ މީހުންނާ ބައްދަލުވެ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުނީމަ އެމީހުންގެ ފަރާތުން އެ ލިބޭ ހިނިތުންވުން ފެނުން އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ. ވަޒީފާގައި މިވީ ކުރު މުއްދަތުގައި ދިމާވި، އެކަނި ލޯންޗަށް އަރަން ދަތިވާ މީހުންނާ، ކުޑަކުދިން ގޮވައިގެން އެކަނި އަންނަ އަންހެނުންނާ، ލޯންޗަށް އެރުމުގެ ކުރިން ކުދިން އުރާލަ ދިނީމަވެސް އެމީހުން ވަރަށް އުފާވޭ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް"
އާރު.ޓީ.އެލް ވަޒީފާޔާމެދު ހިތުގައި އޮތް ހިތްހަމަޖެހުން ބަޔާންކޮށްދެމުން ޙަސަން ވަޙީދު ކިޔައިދިނެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކުގެ ފެރީގެ ވަޒީފާ ލިބުމަކީ ޙަސަންގެ ދިރިއުޅުން މުޅިން ބަދަލުކޮށްދިންކަމެކެވެ. ދިރިއުޅުން ތަނަވަސްވުން އެކަންޏެއް ނޫނެވެ. ވަޒީފާ ނިންމާލުމަށްފަހު އާއިލާ ގާތަށް ދެވޭ ކަމުގެ އުފަލާ ހިތްހަމަޖެހުމެވެ.

"ހެނދުނު ހައެއް ޖަހާއިރު މާރަންދޫއިން ނައްޓާލަނީ. އެހެންވެ ފަތިސް ނަމާދަށް ދިޔުމުގެ ކުރިން ލޯންޗު ރެޑީ ކުރަން. ނަމާދުކޮށްގެން އަންނަ ގޮތަށް އައިސް ސްޓާޓް ކޮށްލާފައި ދަތުރު ފަށަނީ. މާރަންދޫން ފުރައިގެން ތަކަންދޫ އުތީމު ދިއްދުއަށް. ދިއްދޫގައި ދޮޅުގަޑިއެއްހާ އިރު ކޮށްލަނީ. އެއީ ސައިބުއިމުގެ ކަންކަން ނިންމާލުމަށް. އެއަށްފަހު ދެން ދަނީ ކުޅުދުއްފުއްޓަށް. އެއީ ދެވަނަ ރޫޓު. ދޭއްޖަހާއިރު އެތަނުން ފުރައިގެން ދިއްދުއަށް އައިސް ތިންގަޑި ބައިގައި ކުރީގެ ރޫޓުގައި އެނބުރި ދާނީ. ރަށަށް ދެވޭއިރު ހުންނާނީ ހަވީރު ފަހެއް ޖަހަން ކައިރިވެފަ." ޙަސަން ވަޙީދުގެ އެއްދުވަސް ހޭދަވާ ގޮތް ކިޔައިދިނެވެ.

ދިއްދޫ ބަނދަރުމަތީގައި ހުރެ އަޅުގަނޑާ ވާހަކަދައްކަމުން ޙަސަން ދެން ބުނެލީ އޭނާގެ ހަޔާތުން ވަރަށް ޚާއްސަ ކަމެއް ދިމާވި ވާހަކައެވެ. އެކަމެއް އޮޅުންފިލުވުމަށް އަޅުގަނޑުގެ ހިތުގައި ޝައުގުވެރިކަން އިތުރުވިއެވެ.

"މިއަދު މިރަސްމިއްޔާތު އިފްތިތާހު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ (ދިއްދުއަށް) ވަޑައިގެންނެވީ އަޅުގަނޑު ދުއްވަން އިން އާރު.ޓީ.އެލް 108 ލޯންޗުގައި." ނިކަން އުފާވެފައި ހުރެ ޙަސަން ވަޙީދު ކިޔައިދިނެވެ.

"މިއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރައީސުލްޖުމްހޫރިޔާ އާރު.ޓީ.އެލް ގައި ފުރަތަމަ ކުރެއްވި ދަތުރުގެ ކެޕްޓަނަކީ އަޅުގަނޑުވީމަ" އުފާވެރިކަމުގެ ޝުޢޫރުތައް އިތުރަށް ހާމަކޮށްދެމުން ޙަސަން ވަޙީދު ކިޔައިދިނެވެ.

ކޮންމެއަކަސް އާރު.ޓީ.އެލް ފެރީ ނިޒާމަކީ ހަމައެކަނި ރައްޔިތުންނަށް ދަތުރުފަތުރު ލުއިކޮށްދިން ނިޒަމެއް ނޫނެވެ. މިއީ ޙަސަން ވަޙީދުފަދަ އެތައް އާއިލާއެއްގެ ފުދުންތެރިކަން އިތުރުކޮށްދިން ނިޒާމެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެ ވިދާޅުވާ ހަޤީޤީ ތަރައްޤީއަކީ މިއީއެވެ. ސަރުކާރުގެ މަޝްރޫއުތައް ފެށުމާއެކު ވަޒީފާތައް އިތުރުވެ އާއިލާތަކަށް އާމްދަނީ އިތުރުވަނީއެވެ. ރައްޔިތުންގެ ޖީބުން ބޮޑު ޚަރަދުކުރަމުން އައި އަސާސީ ބޭނުންތަކަށް ލުއިފަސޭހަކަން ލިބެނީއެވެ.

"ރައްޔިތުން މިހާތަނަށް ހޯދަމުން އައި އަސާސީ ޚިދުމަތެއް މިހާރު ލުއިފަސޭހަކޮށް ލިބޭނެ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހަމަޖައްސަވައިދެއްވީމަ ހުރިހާ ރައްޔިތުން ތިބީ ވަރަށް އުފަލުން" އާރު.ޓީ.އެލް 108ގެ ކެޕްޓަން ޙަސަން ވަހީދުގެ ވާހަކަ ނިންމާލަމުން ބުނެލިއެވެ.