އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފަށައި، އަންނަ އަހަރު ކުރީކޮޅަށް މަސައްކަތް ނިންމާލެވޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފެށުމަށް އައްޑޫ ސިޓީ ހިތަދޫ ބޭއްވި ރަސްމީއްޔާތުގައެވެ.
ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމެވެ. މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ އައްޑޫގައި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތަކާއި އަޅާ ބަލާއިރު ކުޑަ މަޝްރޫޢެއް ކަމަށެވެ. ނަމަވެސް މިއީ ރައްޔިތުންގެ އެކަމަކަށް ދިގު އިންތިޒާރެއް ކޮށްފައިވާ މަޝްރޫޢެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ އެ މިނިސްޓްރީއަށް މިހާރު އެންމެ ގިނައިން ހުށަހެޅޭ އެއް މައްސަލައަކީ ރަށްގިރުމުގެ މައްސަލަ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ ކަންކަމަކީ ރަނގަޅަށް ކުރަން ޖެހޭ ކަންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"ގޮނޑުދޮށް ހިމާޔަތް ކުރުން ކަހަލަ ކަންކަން ކުރުމަކީ، ކުރެވެނީ ކީއްކަން ރަނގަޅަށް އެނގިގެން ކޮށްފިޔާ ނޫނީ، އޭގެއިން ބޭނުންވާ ނަތީޖާ ނޫން ނުބައި ނަތީޖާއެއް ނިކުމެދާނެ ކަމެއް. މިއީ އަޅުގަނޑަށް އެނގޭ ތިބޭފުޅުން މިރަށަށް ކުރަން އެދޭ ކަންކަމުގެ ތެރެއިން ކުޑަ މިންވަރެއް ކަންވެސް. ރައްޔިތުން ތަރައްޤީގެ ކަންކަމުގައި ދާން ބޭނުންވާ ސްޕީޑް، ވަރަށް ބާރުކޮށް ދާން ބޭނުންވޭ" އަސްލަމް ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިމަޝްރޫޢު މަޑުނުޖެހި ކުރިއަށްދާނެކަމަށާއި މިމަޝްރޫޢުގެ މަސައްކަތް ފެށިގެން ދިޔައިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ތެރެއަށް މަޝްރޫޢު ނިންމާލެވޭނެކަމަށެވެ.
އެމްޓީސީސީއާއި ހަވާލުކޮށްގެން ހިތަދޫ ހުޅަނގު ފަރާތު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާއިރު، މިމަޝްރޫޢު އަކީ 11.65 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 570 މީޓަރު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، މޫދަށް އާންމުން އެރިއުޅޭނެ ސަރަހައްދެއް ފުންކޮށް ތަރައްޤީކުރާނެއެވެ. އަދި، މޫދަށް އެރޭ ސަރަހައްދުގެ ބޭރުން 100 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހިތަދޫގެ އުތުރުން ހުޅަނގު ސަރަހައްދަކީ ވަރަށް ބޮޑަށް ގިރަމުންދާ ސަރަހައްދެކެވެ. މި ސަރަހައްދު ގިރައި، ބައެއް ގޭގެ އިންފާރާއި ހިސާބަށް ގިރާފައިވާއިރު، މިއީ ގިނަ ދުވަސްތަކެއް ވަނދެން ހައްލެއް ހޯދުމަށް ރައްޔިތުން އެދެމުން އައި މައްސަލައެކެވެ.