ގައިންގަޔަށް އަރާބަލިތަކާއި ގައިންގަޔަށް ނާރާ އެކި ބަލިތަކުގެ ނުރައްކަލަށް މުޖުތަމަޢު ހުށައެޅެމުންދާއިރު މިފަދަ ގިނަ ބަލިތަކުގެ މުގުލުގައި އޮންނަނީ ނަފްސާނީ ބަލިމަޑުކަމެވެ. ސިކުނޑިއާއި ނުކުޅަދާނަ މިންވަރަކަށް ހާސްކަމާއި ކަންބޮޑުވުން ކުރިމަތިވެ މީހާ މުޖުތަމަޢާއި ދުރުކޮށްލާ ބިރުވެރި ބައްޔެއްގެ ގޮތުގައި ނަފްސާނީ ބަލި މިކުޑަކުޑަ މުޖުތަމަޢުން ދެނެގަތީ މީގެ މަދު އަހަރުތަކެއް ކުރިންނެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މީގެ 10 ވަރަކަށް އަހަރު ކުރިއަށްޖެހިލާއިރު ސަރުކާރާއި ކަމާ ގުޅޭއިދާރާތަކަށްވެސް މިއީ މާބޮޑު ބައްޔެއްކަމެއް އިޙްސާސްކުރެވިފައެއްވެސް ނެތެވެ. އެކަން އެންމެ ބޮޑަށް އެނގިލައްވާނެ އެއްބަޔަކީ މިދާއިރާގައި ރާއްޖޭގައި ފަރުވާދެއްވުމުގައި މިވަގުތު އެންމެ އިސްކޮށް ޙަރަކާތްތެރިވާ އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ސައިކިއޭޓްރީ ކޮންސަލްޓެންޓް ޑރ. ޝަނޫހާ މަންސޫރާއި ޑރ. އާރިފް މުޙައްމަދެވެ.
ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަހާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޑރ. އާރިފް މުޙައްމަދު ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިއަށްޖެހިލާއިރު ބައްޔާއިމެދު ޢާއްމުންގެ މެދުގައި ހޭލުންތެރިކަން ވަރަށް ކުޑަކަމަށެވެ. އެގޮތުން މިއީ ބައްޔެއްކަމަށް ދެކި ޑޮކްޓަރުންގެ އެހީތެރިކަން ހޯދުމަކީ މުހިއްމުކަމެއްކަމުގައި އޭރު ނުދެކޭކަން ޑރ. އާރިފް ވަނީ ފާހަގަކުރައްވާފައެވެ.
"މިކަމަށް ފަރުވާ ހޯދަން މީހުން ޖެހިލުންވޭ، މިކަންކަމަށް ފަރުވާ ލިބިގަންނަން އަވަސްވެގަތުމުގެ މާޙައުލެއް ނެތް ކުރިއަކުން. މިއާއެކު ފަރުވާގެ ޚިދުމަތް ހޯދަން އަންނަ މީހުންގެ ޢަދަދު އެބަ އިތުރުވޭ." ޑރ. އާރިފް ވިދާޅުވިއެވެ.
ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު މިފަދަ ޚިދުމަތް ލިބޭނެ މަރުކަޒުތައް އިތުރުކުރުމަކީވެސް މިދާއިރާގެ ޑޮކްޓަރުން ދެކެން ބޭނުންވާ ދުވަހެކެވެ. އައި.ޖީ.އެމް.އެޗްގެ ސެންޓަރ ފޯރ މެންޓަލް ހެލްތު ޤާއިމުކޮށްފައިވާއިރު ހުޅުމާލޭ ހޮސްޕިޓަލްގައިވަނީ އިތުރު ސެންޓަރެއް މިހާރު ހުޅުވާފައެވެ.
މީގެއިތުރުން އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ސެންޓަރުތައް ޤާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއާއެކު ނަފްސާނީ ފަރުވާއަށް މިހާރު ލޯޑު ބޮޑުވެފައި އޮތް އޮތުން ކުޑަކުރެވޭނެކަމެއްކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ.
ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ޑރ. ޝަނޫހާ މަންސޫރް ވިދާޅުވީ، ރާއްޖޭގައި މިބަލީގެ ނުރައްކާ އޮތް މިންވަރު އެންމެ ބޮޑަށް އެނގިގެންދިޔައީ ކޯވިޑް-19ގެ ދުވަސްވަރުގައިކަމަށެވެ. މިއާއެކު ސެންޓަރ ފޯރ މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ވެއިޓްލިސްޓް ދިގުވެ ގިނަ ބަޔަކަށް ފަރުވާ ނުދެވި ދިޔަކަން ޑރ. ޝަނޫހާ ވަނީ ފާހަގަކުރައްވާފައެވެ.
"އެހެންނަމަވެސް މިހާރު ޕޭޝަންޓުން ބެލޭ ނިސްބަތް އަޅުގަނޑުމެންވަނީ އިތުރުކޮށްފައި. މިއަދު ހުޅުވިގެން މިދިޔަ ސެންޓަރާއެކުވެސް ނަފްސާނީ ބަލި ހުންނަ މީހުން ބެލޭނެ ނިސްބަތް އިތުރުވެގެންދާނެ. އަދި ހަމައެކަނި ސައިކެޓްރީސްޓުންގެ ޚިދުމަތެއް ނޫން، ތެރަޕީއާއި، ސައިކޮލޮޖީއާއި، އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތްވެސް ހުރިހާ ރީޖަންއަކުން ލިބިގެންދިޔުމަކީ އަންނަންޖެހޭ ބަދަލެއް." ޑރ. ޝަނޫޙާ ވިދާޅުވިއެވެ
ނަފްސާނީ ބަލީގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ރާއްޖޭގައި މިވީ 2 އަހަރުގެ ތެރޭގައި އާސަންދަ މެދުވެރިކޮށް އަށްޑިހަ އެއްހާހަށްވުރެ ގިނަ މީހުން ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ހޯދާފައިވާއިރު އައިޖހީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުން މިއަހަރުގެ މިހާތަނަށް އެކަނިވެސް ތޭރަހާހަށްވުރެ ގިނަ މީހުންވަނީ ފަރުވާ ހޯދާފައެވެ.
ބައްޔާއި މެދު މީހުން ހޭލުންތެރިކަން އިތުރުވެ ބައްޔަށް ދެވޭ ފަރުވާގެ ޚިދުމަތްތައް މިހަރު މިދަނީ ފުޅާވަމުންނެވެ. އެހެންކަމުން ދެން އޮތް މަރުޙަލާއަކީ މިބަލިން ދިފާޢުވުމަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމުގެ އާދަކާދައާއި ދިމާލަށް ދިޔުމަށް ކުރަންހުރި މަސައްކަތްތައްކަމަށް މިދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.