ޚަބަރު

މީރާގެ އޮފީހެއް ފުވައްމުލަކުގައި ހުޅުވައިފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮފީހެއް ޏ. ފުވައްމުލަކުގައި ހުޅުއްވައިފިއެވެ. މި އޮފީސް ރަސްމީގޮތުން ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދެވެ. މީރާގެ ކަލެކްޝަން ސެންޓަރ ހުޅުއްވުމަށް ފުވައްމުލަކުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ، ޓެކްސް ނިޒާމު ހަރުދަނާކުރައްވައި، ފުރިހަމަކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކުރައްވާ މަސައްކަތްތަކުގައި ވިޔަފާރިވެރިންނަށާއި ދައުލަތަށް ދައްކަންޖެހޭ ޓެކްސްއާއި އެކަންކަމާ ގުޅޭ ރިޕޯޓްތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ފަސޭހަ ކުރެއްވުމަށާއި މީރާގެ ޚިދުމަތް ރައްޔިތުންނާ ގާތްކުރެއްވުމަށް ގެންދަވަނީ މުހިންމު މަސައްކަތްކެއް ކުރައްވަމުންނެވެ. މިގޮތުން ރާއްޖޭގައި އާބާދީ ބޮޑު އަދި މީރާއާ ގުޅުންހުރި މުޢާމަލާތުތައް ގިނަ ސަރަޙައްދުތަކުގައި އެ އޮތޯރިޓީގެ ޚިދުމަތުގެ އިދާރާތައް ހުޅުއްވަމުން ގެންދަވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެންމެ ފަހުން މިފަދަ ކަލެކްޝަން ސެންޓަރުތައް މި ހުޅުވީ އައްޑުއަތޮޅާއި ފުވައްމުލަކުގައެވެ.  ފުވައްމުލަކުގައި ޤާއިމްކުރެއްވި މީރާގެ އިދާރާ ރަސްމީގޮތުން ހުޅުއްވައިދެއްވީވެސް  ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ. މީރާގެ އައްޑޫ ސިޓީގެ އޮފީހުން މީރާގެ މާލެގައި ހުންނަ މީރާގެ މައި އޮފީހުން ދެއްވާ ހުރިހާ ޚިދުމަތެއް މި އޮފީހުގައިވެސް ލިބެން ހުންނާނެ ކަމަށް މީރާއިން ވިދާޅުވެއެވެ.  މިރާގެ އޮފީސްތައް އައްޑޫސިޓީއާއި ފުވައްމުލަކުގެ އިތުރަށް ހދ.ކުޅުދުފުށްޓާއި ފ. ނިލަންދޫ، ލ.ފޮނަދޫ އަދި ބ.އޭދަފުށީގައިވެސް މިފަދަ އޮފީސް ޤާއިމްކުރައްވާފައެވެ. މިއަހަރުގެ ތެރޭ އިތުރު 4 ރަށެއްގައި މީރާގެ އޮފީސްތައް ހުޅުއްވުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ހާމަކުރައްވައެވެ. މީރާގެ ކަލެކްޝަން ސެންޓަރުތަކުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ފައިސާ ބަލައިގަތުމާއި ބަޔާންތައް ބަލައިގަތުން ހިމެނެއެވެ. ފުވައްމުލަކުގައި މީރާގެ އޮފީސް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ، ޓެކްސްގެ ނިޒާމު ރާއްޖޭގައި ތަންފީޒުކުރަން ފަށްޓަވާފައިވީނަމަވެސް، އަދި ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ފަރާތްތަކުން ޓެކްސާއާ މެދު އެހާ ހޭލުންތެރި ނޫންކަމަށެވެ. އެގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ޓެކްސް ދައްކަން ހުށަހެޅުމާއި، މުއްދަތު ހަމަވެގެން ޓެކްސް ދެއްކުމުގެ ސަބަބުން ޖޫރިމަނާ ދައްކަންޖެހޭ ފަހަރު އަންނަ ކަމަށް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ، ޓެކްސްއާބެހޭ ޤާނޫނުގެ ދަށުން، ރައްޔިތުންނަށް ވީހާވެސް ޚަރަދުކުޑަގޮތެއްގައި ޓެކްސް ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ މީރާގެ އެއް އަމާޒުކަމަށެވެ. މިރަސްމިއްޔާތުގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހު ޝަރީފު ދެއްކެވި ވާހަކައިގައި، ޓެކްސް ދެއްކުމުގައި ފުވައްމުލަކު ރައްޔިތުންނަށް ކުރިން ދިމާވަމުންދިޔަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީރާގައި ފުވައްމުލަކު ކަލެކްޝަން ސެންޓަރެއް ރަސްމީކޮށް ހުޅުވި ނަމަވެސް، މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ މީރާއިން ދެމުން އައި ޚިދުމަތް ދޭން އެރަށުގައި ފަށާފައެވެ. މިހާރު އެ އޮފީހުގައި މަސައްކަތް ކުރަނީ މީރާގެ ދެ މުވައްޒަފުން އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި މީރާގެ އޮފީހުގެ ޖާގަ އިތުރުކޮށް މުވައްޒަފުން އިތުރުކުރައްވާނެ ކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ.ފުވައްމުލަކުގައި ހުރި މީރާގެ އޮފީހުން ޓެކްސް ދެއްކުމާއި ގުޅުންހުރި ކަންތައްތަކުގެ އިތުރަށް ހެޑް އޮފީހުން ލިބެން ހުންނަ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް މީރާއިން ވިދާޅުވެއެވެ. ފުވައްމުލަކުގައި މީރާގެ އޮފީސް ހުންނާނީ އަތޮޅު ކައުންސިލް އިދާރާ ހުންނަ އިމާރާތުގެ ތެރޭގައެވެ.