ޚަބަރު

ފަތުރުވެރިންގެ އަމާޒު ހާސިލުކުރުމަށް އެމްއެމްޕީއާރުސީން އެތައް މަސައްކަތްތަކެއް


އެމް.އެމް.ޕީ.އާރު.ސީން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުކޮށް ފަތުރުވެރިކަން ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ތެރޭގައި ތަފާތު ހަރަކާތްތަކާއި، މަޝްޙޫރު ފެއަރތަކާއި މައުރަޒުތަކުގައި ބައިވެރިވުމުގެ އިތުރުން ފޯރިގަދަ އެކި ހަރަކާތްތައް ހިންގުން ހިމެނެއެވެ. މީގެއިތުރުން އެމް.އެމް.ޕީ.އާރު.ސީން ވަނީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ނަގާކިޔާ އެކި ކުންފުނިތަކާއެކު ޖޮއިންޓް ކެމްޕޭންތައް ރާވައި ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި، އިޓަލީއާއި، އިންޑިއާފަދަ ޤައުމުތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އައުޓްޑޯ އެޑްވަޓައިޒިންގ ކެމްޕޭންތައް ވަނީ ހިންގާފައެވެ.

ކޯވިޑް-19 އަށްފަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާ މާކެޓް މިހާރު އެއްކޮށްހެން ވަނީ ހުއްޓިފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެހެންކަމުން މިފަދަ މާކެޓްތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުން ވަނީ މުހިންމުވެފައެވެ. އެމް.އެމް.ޕީ.އާރު.ސީން ދަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެމް.އެމް.ޕީ.އާރު.ސީން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ފަތުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުންކަމަށެވެ. އެހެންކަމުން އިޓާލީއާއި އެމެރިކާ އަދި ފްރާންސް ފަދަ ޤައުމުތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެކުންފުނިން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.އެމް.ޕީ.އާރު.ސީގެ މެނެޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޠައްޔިބު މުހައްމަދު ވަނީ ކުރިއަށްއޮތް އަހަރުތަކުގައި ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުކުރަން ކުރަންޖެހޭ ކަންތަކުގެ މައްޗަށް އަލިއަޅުވާލަފައެވެ.

"އިންފްރާސްޓަރްކްޗަރ ޑިވެލޮޕްމެންޓްއާއި، އިންޑަސްޓްރީގެ ބޭފުޅުންނާއި އަދި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް އެބަހުރި. މިކަންކަމާއެކު އަޅުގަނޑަށް ހަމަ ޔަޤީން އަހަރަކަށްވުރެ އަހަރެއް ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުވެސް، އަދި ރާއްޖޭގެ ޕްރައިވްޓް ސެކްޓަރއަށް މީގެން ލިބޭނެ ނަފާއާއި ދިވެހި ސަރުކާރަށް ލިބޭ ނަފާ އިތުރުވެގެންދާނެ މާބޮޑު ތަނުންވެސް" ޠައްޔިބު މުޙައްމަދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ %35.7 ގެ ކުރިއެރުމެއް ލިބިފައެވެ. މިއަހަރު ރާއްޖެ އައިސްފައިވަނީ 1241695 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ 915305 ފަތުރުވެރިންނާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިއަހަރުގެ ކޮންމެ މަހެއްގައިވެސް ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މާރިޗު މަހުގައެވެ. އެމަހު އެކަނިވެސް ރާއްޖެއަށް 150748 ފަތުރުވެރިން ވަނީ އައިސްފައެވެ. މިމަހުގެ ފުރަތަމަ 6 ދުވަހުވެސް ރާއްޖެއަށް ވަނީ 25014 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.