ޚަބަރު

އާރުޑީސީއަށް ކާމިޔާބު 3 އަހަރު: ރާއްޖެ ތަރައްޤީކުރުމުގައި ނަމޫނާ ކުންފުންޏެއް


ރާއްޖޭގެ ރަށްރަށުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް، ސަރުކާރުން އުފައްދާފައިވާ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއަކީ މިއަދު ރާއްޖޭގެ އެހެނިހެން ކުންފުނިތަކާއި ފައިހަމަކުރަމުން އަންނަ ކުންފުންޏެކެވެ. އާރުޑީސީއަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މާލެއާއި، އަތޮޅުތަކުގެ ރަށްރަށުގެ މަގުތަކާއި ބިނާރުގެ މަސައްކަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އުފެއްދި ކުންފުންޏެކެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި ކުންފުނީގެ ޢުމުރުން އަދި މިވީ އެންމެ 3 އަހަރެވެ. ނަމަވެސް އެކުންފުނިން އަންނަނީ ރާއްޖެ ތަރައްޤީކުރުމުގައި ކުރިއެރުންތަކެއް ހޯދައި އެހެން ކުންފުނިތަކަށް ނަމޫނާ ދައްކަމުންނެވެ. އެކުންފުނިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިންގާ މަޝްރޫޢުތަކަކީ މާލެ ހިމެނޭހެން އަތޮޅުތަކުގެ ރަށްރަށުގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްްޤީކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ގެނެސްދިނުމެވެ. މަގުތަކުގެ ސަބަބުން ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ދިމާވާ ތަކުލީފުތަކަށް ލުޔެއް ހޯދައިދީ، ރާއްޖެ އިޤްތިޞާދީގޮތުން ކުރިއެރުވުމަށް އެހީތެރިވެ މަސައްކަތްކުރުމެވެ.

އާރުޑީސީ އުފެދި ރަނގަޅަށް މަސައްކަތްތައް ފަށައި ނުގަނެވެނީސް އެކުންފުންޏަށް ކޯވިޑް-19ގެ ދަތި ގޮންޖެހުމާއި ކުރިމަތިލާންޖެހުނެވެ. މިއީ ކުންފުނީގެ ތާރީޚުގައިވެސް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ކޯވިޑްގެ އާލަމީ ވަބާއާއެކު އެކުންފުނިން ހިންގަމުން އައި މަޝްރޫޢުތައް މަޑުޖައްސާލަންޖެހުނެވެ. ދަތުރުފަތުރުގެ ގޮންޖެހުންތަކާއެކު ރަށްރަށަށް މަޝްރޫޢުތައް ހިންގުމަށް ދަތުރުނުކޮށް މަޑުޖައްސާލަންޖެހުނެވެ. މަޝްރޫޢުތަކަށް ބޭރުން ގެންނަ މެޓީރިއަލްތަކާއި ވަސީލަތްތައް ރާއްޖެ ނުގެނެވި ލަސްވިއެވެ. ރަށްރަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ އިތުރަށް ކޯވިޑް ލޮކްޑައުންގެ ސަބަބުން މުވައްޒަފުންގެ ޢަދަދު މަދުވުމުގެ ދަތިތަކާއިވެސް ކުރިމަތިލާންޖެހުނެވެ.

ކޯވިޑްގެ އެދަތި ދެއަހަރާއެކުވެސް މިހިނގާ 2022 ވަނަ އަހަރުވެގެން ދަނީ އާރުޑީސީގެ ތާރީޚުގައި ކާމިޔާބު އަހަރަކަށެެވެ. ކޯވިޑްގައި ލިބުނު ގެއްލުންތަކުން ހިތްވަރާއެކު އަރައިގަނެ މިއަހަރު ވަނީ ކުންފުންޏަށް ފައިދާވާ އަހަރެއްގެ ގޮތުގައި ހަދާފައެވެ. މިއީ ކުންފުނީގެ ސީނިއަރ މެނޭޖުމަންޓާއި ހިތްވަރުގަދަ މުވައްޒަފުންގެ މިންނެތް މަސައްކަތުން ހޯދި ކާމިޔާބީތަކެކެވެ.

އާރްޑީސީގެ އެންމެ ކާމިޔާބު އަހަރު: 2022

* 2022 ވަނަ އަހަރު އާރުޑީސީ ހިންގަމުން އަންނަނީ ފައިދާގައި
* ސުމަކުން ފަށައިގަތް އާރުޑީސީއަށް ފުރަތަމަ ފަހަރަށް ފައިދާވާން ފެށި
* ފުރަތަމަ ކުއާޓަރުގައި 69.18 މިލިއަން ރުފިޔާ ލިބުނު
* އެއީ ފައިދާގެ ގޮތުގައި 5.76 މިލިއަން ރުފިޔާ
* ދެވަނަ ކުއާޓަރުގައި 104.84 މިލިއަން ރުފިޔާ ލިބުނު
* އެއީ ފައިދާގެ 15.20 މިލިއަން ރުފިޔާ

މި ތަފާސް ހިސާބުތަކުންވެސް ހެކިދެނީ އާރުޑީސީއަށް މިއަހަރުގެ ފަހު ކުއާޓަރުގައިވެސް މިއަށްވުރެ މާކާމިޔާބު އަދި ފައިދާ ވާނެކަމެވެ. އާރުޑީސީން ވިދާޅުވީ، މިއަހަރަށް ކަނޑައަޅާފައިވާ އަމާޒުތައް އަހަރު ނިމެންވާއިރަށް ޙާސިލުވާނެކަމަށެވެ.

ރާއްޖެ ތަރައްޤީކުރުމުގައި ނަމޫނާ

އާރުޑީސީގެ ކުރު ތާރީޚުގައިވެސް ވަނީ މުހިންމު އަދި ބޮޑެތި މަޝްރޫޢުތަކެއް ހިންގާ ކާމިޔާބު ކުންފުންޏަކަށް ހަދާފައެވެ. މި ކުރު މުއްދަތުގައި ވަނީ މާލެ ލޭންޑްސްކޭޕިން މަސައްކަތުގެ ބައެއް ނިންމާފައެވެ. އަދި މިހާރު ދަނީ މާލޭގެ އެންމެ ބޮޑު އެއް މަގުކަމަށްވާ އަމީނީ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޑިޒައިން އެންޑް ބިލްޑު އުސޫލުން ހިންގާ މި މަޝްރޫޢާއެކު އެ ސަރަހައްދަށް ބޮޑު ބަދަލެއް ގެނުވާނެއެވެ. މާލޭ ލޭންޑްސްކޭޕިން މަޝްރޫޢުގެ ދަށުން މިހާތަނަށް ތަރައްޤީ ކޮށްފައިވާ މަގުތަކަށް ބަލާލުމުން އެކަމަށް ހެކިދެއެވެ.

މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެގްމަންޓުގެ މަސައްކަތް އާރް.ޑީ.ސީން މިހާރު އަންނަނީ ކުރަމުންނެވެ.

ދެން އޮތީ ބައެއް ރަށްރަށުގައި ހިންގަމުން އަންނަ މަޝްރޫޢުތަކުގެ ވާހަކައެވެ. ގިނަ ރަށްތަކެއްގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ބާރު ދުވެލީގައި ކުރަމުންނެވެ. އެގޮތުން 15 ވަރަކަށް ރަށުގައި މަގުހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގެ މަސައްކަތް މިހާރު އޮތީ ފެށުމުގެ މަރުހަލާގައެވެ.

މަގު ހެދުމުގެ މަޝްރޫޢުތަކުގެ އިތުރުން ބައެއް ފުޓްބޯޅަ ދަނޑުތަކުގައި ސަބްބޭސް އެޅުމުގެ މަސައްކަތާއި، ފަޔަރ ހައިޑްރަންޓް އެޅުމުގެ މަސައްކަތާއި، އެމްޕީއެލް-މާލެ ކޮމާޝަލް ހާބަރުގައި ގްރައުންޑް ލެވެލް ކުރުމާއި، މާލެ ސަރަހައްދާއި އަތޮޅުތަކުގައި ޕާކް ތަރައްޤީކުރުމުގެ އިތުރުން ހިޔާ ޕާރކް އެންޑް ރީޖުވެނޭޝަން އޮފް ބީޗް ބުލެވާރޑް ފަދަ މަޝްރޫޢުތަކަކީ އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކެވެ.

އާރުޑީސީގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އެތައް ވަޒީފާގެ ފުރުޞަތުތަކެއް ދިވެހިންނަށް ފަހިވެގެން ދިއުމެވެ. އެކުންފުނިން މަޝްރޫޢުތައް ހިންގާ ހުރިހާ ރަށެއްގައިވެސް މަސައްކަތުގައި ޢަމަލީގޮތުން މުވައްޒަފުންގެ ގޮތުގައި ގިނައިން މަސައްކަތްކުރަނީ އެރަށަކުން މުވައްޒަފުން ނަގައިގެންނެވެ. މިއީ އެރަށުގެ އިޤްތިޞާދީ ހާލަތު ރަނގަޅުވެ އެތައް ޒުވާނުންނަކަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ފަހިވެގެން ދާނެ ކަމެކެވެ.

އާރުޑީސީގެ އެންމެ އިސް މަގާމާ ހަވާލުވެވަަޑައިގަތުމަށްފަހު މޫސާ އަލި މަނިކު އެންމެ އިސްކަން ދެއްވާ އެއްކަންތައްކަމަށްވާ މަސައްކަތުގެ އަޚްލާގު ރަނގަޅު ގާބިލް ޓީމެއް އުފެއްދެވުމަށް ކުރާ މަސައްކަތް ކާމިޔާބުކަން އަންނަނީ ދައްކައިދެމުންނެވެ.