ދުނިޔެ

ރަޝިޔާއިން އިރާޤަށް އަސްކަރީގޮތުން އެހީތެރިވަނީ


އިރާގުގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެގައުމަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ރަޝިޔާއިން އޮތީ ތައްޔާރަށްކަމަށް އެޤައުމުން ހާމަކޮށްފިއެވެ. އިރާގަށް ވަޑައިގެން އުޅުއްވާ ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ޑިމިޓްރީ ރޮގޮޒިން ވިދާޅުވީ އިރާގަށް ބޭނުންވާ ފަސިންޖަރު މަތިންދާބޯޓުތައް ވިއްކުމަށާއި އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވާ ބަރުހަތިޔާރު އިރާގަށް ފޯރުކޮށްދޭން ރަޝިޔާ އޮތީ ތައްޔާރަށްކަމަށެވެ. މިއީ އަރަބި ގައުމުތަކުގައި ރަޝިޔާގެ ބާރާއި ނުފޫޒު ވަރުގަދަ ކުރުމަށް ރަޝިޔާ ގެންގުޅޭ ސިޔާސަތުގެ ދަށުން އެގައުމުން އަޅާ އިތުރު ފިޔަވަޅެކެވެ. ރަޝިޔާގެ މިފިޔަވަޅުގެ ސަބަބުން އަރަބި ގައުމުތަކުގައި ޒަމާނުއްސުރެ އޮތް އެމެރިކާގެ ބާރާއި ނުފޫޒަށް އަސަރުކުރާގެ ކަމަށް ބެލެވެއެވެ. މެދުއިރުމައްޗަށް އަތްގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރަޝިޔާ ގެންގުޅޭ ސިޔާސަތުތަކުގެ ތެރޭގައި އަސްކަރީ، އިގްތިސާދީ އަދި ވިޔަފާރީގެ މައިދާނުގައި އަރަބި ގައުމުތަކާ ގުޅުންތައް އާދަޔާ ޚިލާފަށް ބަދަހިކުރުން ހިމެނެއެވެ. ދާދިފަހަކާ ޖެހެންދެން މިގުޅުން އޮތީ ހަމައެކަނި ސޫރިޔާއާ އެކުގައި ކަމުގައިވީނަމަވެސް ސައޫދީ އަރަބިޔާއާއި ގަލްފުގެ އެހެން ގައުމުތަކާ ގުޅުންތައް ބަދަހިކުރުމަށްވެސް ރަޝިޔާ މިހާރުގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބަޣްދާދުގައި ރަޝިޔާގެ ވަފްދުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހީމް އަލްޖަޢްފަރީ ވިދާޅުވީ ދެފަރާތުގެ މަޝްވަރާތައް ކުރިޔަށް ދިޔައީ މައިގަނޑުގޮތެއްގައި އައިއެސް ޖަމާއަތް ބަލިކޮށްލެވޭނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ." ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ މެންބަރުންކަން ނުވަތަ ނޫންކަން ނުބަލައި ދުނިޔޭގެ ތަފާތު އެކި ފަރާތްތަކުގެ ތާއީދާއި އެހީތެރިކަން އަހަރެމެން ބޭނުންވޭ، ޖާސޫސީ މައުލޫމާތުތައް ބަދަލުކުރުމާއި އަސްކަރީ ތަމްރީނާއި ހަތިޔާރުފަދަ ތަފާތުއެހީތައް އަހަރެން ބޭނުންވޭ. މިހުރިހާ ކަމެއްވެސް އަހަރެމެން ބޭނުންވަނީ އިރާގުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގްލާލަށް އުނިކަން ނުލިބޭ އަދި އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ފަދަ ގޮތެއްގެ މަތިން." އިރާޤުގެ ޚާރިޖީ ވަޒީރު އަލްޖަޢްފަރީ ވިދާޅުވިއެވެ. ރަޝިޔާއިންވަނީ އިރާގުގެ ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށްޓަކައި އެތަށް ސަތޭކަ މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް މިހާރުވެސް އިރާގުގައި ފަށާފައެވެ. އަދި އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޭނުންވާ އަސްކަރީ ކޮމާންޑް ސެންޓަރެއް އިރާގުގައި ގާއިމް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ރަޝިޔާއިން އަސްކަރީ އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން އިރާގާއެކު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ.