ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ، މިނިސްޓަރ އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ. އަޙްމަދު ނަސީމަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ނިޝާން މުލީގެ ޝަރަފްގެ ޢިއްޒަތް ނިސްބަތްވެވަޑައިގަންނަވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ.
ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަށް ދައުލަތުގެ މަތީ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ އަޙްމަދު ނަސީމަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއްބާނީކަމަށް ވާތީއެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރާނެކަމުގެ އެއްވެސް އަލިމަގެއް ނެތް ދުވަސްވަރެއްގައި އިސް ނަންގަވައިގެން އެކަމުގައި ކުރެއްވި މަސައްކަތްޕުޅާއި ވެވަޑައިގެންނެވި ޤުރުބާނީގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތުއެކި މަޤާމުތަކުގައި ހުންނަވައިގެން ދިވެހި ދައުލަތާއި ޤައުމަށް ވަރަށް ދިގު މުއްދަތަކަށް ކޮށްފައިވާތީ، އެ ޚިދުމަތުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް މިނިސްޓަރ ނަސީމަށް އެރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ވަނީ އިއްވަވާފައެވެ. އަދި އިއްޒަތުގެ މެޑެއްޔާއި ލިޔުން މިނިސްޓަރ ނަސީމަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިނިސްޓަރ އަޙްމަދު ނަސީމް ކޮށްދެއްވި ޚިދުމަތްތަކަކީ، ޤައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
މިނިސްޓަރ ނަސީމް ދިގު މުއްދަތަކަށް ދައުލަތާއި ޤައުމަށް ކޮށްދެއްވި ޚިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިކަން އުފަންކުރެއްވީ މިނިސްޓަރ ނަސީމްކަމަށެވެ.
"އަޙްމަދު ނަސީމަކީ ރާއްޖެއަށް ފަތުރުވެރިކަން އުފަންކުރެއްވި އެއްބާނީ. ދިވެހި ފަތުރުވެރިކަން މިއަދު މި އޮތް ފެންވަރަށް ކުރިއަރައިދާނެކަމަށް އެއްވެސް އަލިމަގެއް އަދި އުންމީދެއް ފެންނަން ނެތް ދުވަސްވަރެއްގައި އެކަމަށް ޚިޔާލުކުރައްވައި އެއީ ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ އަދި ވަރަށް ބޮޑަށް ފުޅާކުރެވިދާނެ ސިނާޢަތެއްކަން އަމިއްލައަށް ދެކެވަޑައިގެން މަސައްކަތް ފެށްޓެވި ބޭފުޅެއް. ފަތުރުވެރިކަން ފެށިގެން އައި އެންމެ ދަތި ދުވަސްވަރުވެސް މި ސިނާއަތް ކުރިއެރުވުމަށް އެމަނިކުފާނު ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި" ރައީސް ވިދާޅުވިއެވެ.
މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ދިވެހި ދައުލަތަށާއި ސަރުކާރަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ތަޢާރަފްކުރެއްވުމުގެ އިތުރުން ސަރުކާރުގެ އިސް ގިނަ މަޤާމުތަކެއް މިނިސްޓަރ ނަސީމް ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރުކަމާއި، ޚާރިޖީ ދާއިރާގެ ތަފާތު މަޤާމުތައް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި ގޮތުގައި އަޙްމަދު ނަސީމަކީ އެވަގުތަކު ހުންނެވި ވެރިޔަކު ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް ޝަޢުގުވެރިކަމާއެކު ކުރައްވާ އިޚްލާސްތެރި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ މަސް ދޯނި ފަހަރުގައި އިންޖީނު އެޅުމަށް ކުރެއްވި މަސައްކަތަކީވެސް މިނިސްޓަރ ނަސީމް އިސްވެ ހުންނަވައިގެން ކުރެއްވި މުހިންމު މަސައްކަތެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިހާރުގެ ހެލްތު މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން ނަސީމް، މިހާރު ކުރައްވާ ޚިދުމަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑްގެ ދަތި ދުވަސްވަރު ރެއާދުވާލު ކުރެއްވި ބުރަ މަސއްކަތް ފެނިވަޑައިގެންނެވިކަމަށެވެ. މީގެ އިތުރުން ކުޅިވަރުގެ މައިދާނުގައި ޒުވާން ދައުރުގައި ހުނަރުވެރި ގިނަ ކުޅިވަރުތަކެއް ކުޅުއްވައި ކުރެއްވި ޚިދުމަތްވެސް ރައިސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.