މުނިފޫހިފިލުވުން

ގާލާ ރައުންޑަށް ދަތުރުކުރާ ފުރަތަމަ 6 ބައިވެރިން އިޢުލާން ކުރުން


"މޯލްޑިވިއަން އައިޑަލް"ގެ ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯވގައި ރޭ ލަވަ ހުށަހަޅާދިން 8 ބައިވެރިންގެ ތެރެއިން ގާލާ ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާންކުރުމަށް ބާއްވާ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ.ޕިއާނޯ ރައުންޑްގެ ގަދަ 16 ގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ދެން އޮންނަ ރައުންޑަށް ދަތުރުކުރާ ފުރަތަމަ 6 ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ ޝޯވ ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑުގައި ޖުމްލަ 16 ބައިވެރިން ވާދަކުރެއެވެ. މި 16 ބައިވެރިން ކަނޑައަޅާފައި ވަނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ބޭއްވި އޯޕަން އޮޑިޝަންތަކުން ގޯލްޑަން ޓިކެޓް ހާސިލުކުރި ބައިވެރިންގެ މެދުގައި ބޭއްވި ތިއޭޓަރ ރައުންޑުންނެވެ. އޯޕަން އޮޑިޝަންތަކާއި ހިލާފަށް ތިއޭޓަރ ރައުންޑުގެ ފުރަތަމަ ބުރުގައި ބައިވެރިން ލަވަ ހުށަހަޅާދީފައި ވަނީ ޓްރެކް ޖަހައިގެންނެވެ. އެއަށްފަހު، ތިއޭޓަރ ރައުންޑްގެ 2 ވަނަ ބުރުގައި ބައިވެރިން ލަވަ ހުށައަޅާދީފައި ވަނީ ލައިވް މިއުޒިކާ އެކުއެވެ. ތިއޭޓަރ ރައުންޑްގެ ޝޯވތައް ނިމި، ޕިއާނޯ ރައުންޑާއި ހަމައަށް ގަދަ 16 ބައިވެރިން ދަތުރުކޮށްފައިވާއިރު، ހުރިހާ ބައިވެރިންގެ މެދުގައިވެސް ވަނީ ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ އަދި ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ. ޕިއާނޯ ރައުންޑްގެ ޝޯވތައް ރޭ ދައްކަން ފަށާފައިވާއިރު، ޝޯވގެ ފެންވަރާއި ބައިވެރިންގެ ހުށަހެޅުންތައް ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންދާކަމަށް މި ޝޯވ ބެލި ގިނަ ބަޔަކު ފާހަގަކުރެއެވެ. މޯލްޑިވިއަން އައިޑަލްގެ ކުރީގެ ޝޯވތަކުގައި ބައިވެރިން ކަނޑައަޅާފައިވަނީ ޝޯވގެ 3 ޖަޖުންނެވެ. ޕިއާނޯ ރައުންޑާއެކު، މޯލްޑިވިއަން އައިޑަލްގެ ކުރިއަށް ހުރި ބުރުތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޖަޖުންގެ %50 އާއި، ބެލުންތެރިންގެ %50 ވޯޓުންނެވެ. އެގޮތުން ގަދަ 16 ގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ރޭ ލަވަ ހުށަހަޅައިދިން 8 ބައިވެރިންނަށް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ރޭ 22:30 ހުން ފެށިގެން މިއަދު ހެނދުނު 09:00 ހަމައަށް ހުޅުވާލާފައިވިއެވެ. މިރޭ ދެއްކުމަށް ހަމަޖެހިފައިވާ ޕިއާނޯ ރައުންޑްގެ އެލިމިނޭޝް ޝޯވގައި ރޭ ލަވަ ހުށަހަޅައިދިން 8 ބައިވެރިންގެ ތެރެއިން ޖަޖުންނާއި ބެލުންތެރިންގެ އެންމެ ގިނަ ވޯޓާއެކު މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑަށް ދަތުރުކުރާ ފުރަތަމަ 6 ބައިވެރިން އިޢުލާން ކުރާނެއެވެ. އަދި އެންމެ މަދުން ވޯޓު ލިބިގެން، މި ޝޯވއިން ކަޓަނީ ކޮން 2 ބައިވެރިންނެއްކަންވެސް އެނގިގެންދާނެއެވެ. ގަދަ 16 ގައި ހިމެނޭ އަނެއް 8 ބައިވެރިން ލަވަ ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގައި ބާއްވާ ޝޯވގައެވެ. މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި ޓީވީއެމްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.އައިޑަލްގެ ޝޯވތައް ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ، 22:30 ގައި ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ.