ކުޅިވަރު

އެސްޓީއޯ އޭދަފުށި ކަޕް: ސެމީގެ ފަހު ޖާގަ އެމްވީ ޔުނައިޓެޑަށް


އެސްޓީއޯ އޭދަފުށި ކަޕް 2022 ގެ ސެމީ ފައިނަލުގެ ފަހު ޖާގަ އެމްވީ ޔުނައިޓެޑުން ހޯދައިފިއެވެ.

އެޓީމުން ސެމީގެ ޖާގައެއް ކަށަވަރުކުރީ ލީގު ބުރުގެ ފަހު މެޗުން މޮޅުވެގެނެވެ. އާދީއްތަ ދުވަހުގެ ދުވަހުގެ ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މެޗުގައި ކައްކާނި އެފްސީއާ ވާދަކޮށް އެމްވީ ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކައްކާނި އެފްސީންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އައިހަމެވެ. މި ލަނޑަށް ފަހު ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް އެ ޓީމަށް ވަނީ ލިބިގެންގޮސްފައެވެ.

މި މެޗުގައި އެމްވީ ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުން ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. މިއީ އޭރިއާ ތެރެއިން ހައިޝަމް ހަސަންއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި ހައިޝަމް ވަނީ ލަނޑެއް ޖަހައި، އެމްވީ ޔުނައިޓެޑަށް ފަހަތުން އަރައި ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މުޙައްމަދު އަބާން ވަނީ ލަނޑެއް ޖަހައި، އެމްވީ ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ހިނގައިދިޔަ ހަމަނުޖެހުމެއްގެ ސަބަބުން އެމްވީ ޔުނައިޓެޑުގެ ކޯޗަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއާއެކު އޭގެ ފައިދާ ނަގައި ކައްކާނި އެފްސީން ވަނީ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ އީގާން އަބްދުލް މަޖީދެވެ.

މި މެޗުގައި އެމްވީ ޔުނައިޓެޑަށް އަލުން ލީޑު ފުޅާކޮށްދިނީ މެޗުގެ 74 ވަނަ މިނެޓުގައި ހައިޝަމެވެ. އަދި އޭގެ ފަސް މިނެޓު ފަހުން މުޙައްމަދު ފާސިރު (ފާއްޓޭ) ވަނީ އެމްވީ ޔުނައިޓެޑުގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުގައި އެމްވީ ޔުނައިޓެޑުގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށް، ހައިޝަމް ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. މި ލަނޑުތަކާއެކު ހައިޝަމް ވަނީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ހުސްސޮންގުންގެ އިބްރާޙިމް ވަޙީދު (އިއްބެ) އާ ހަމަކޮށްފައެވެ. އެގޮތުން އެ ދެ ކުޅުންތެރިންވެސް މިހާތަނަށް ވަނީ އަށް ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ ސެމީގައި އެމްވީ ޔުނައިޓެޑް ވާދަކުރާނީ ވެލާ ސްޕޯޓްސް ކުލަބާއެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހެވެ. ލީގު ބުރުގައި މި ދެ ޓީމު ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.