ޚަބަރު

އެވިޑް ކޮލެޖުން ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންއާގުޅިގެން ކޯސްތަކެއް ހިންގަނީ


އެވިޑް ކޮލެޖުން އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީއެއްކަމަށްވާ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަނާގުޅިގެން ކޯސްތަކެއް ހިންގުމަށް އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

އެވިޑް ކޮލެޖްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާރމަން ޢަބްދުﷲ މުޝްތާގް ރަޝާދެވެ. އަދި ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ފަރާތުން ސޮއިކުރެއްވީ، ޔުނިވަރސިޓީގެ ވައިސް ޗާންސަލާރ ޕްރޮފެސާރ ޕީޓާރ ޖޯންއެވެ. މިއެއްބަސްވުމާއެކު އެވިޑް ކޮލެޖުން މިހާރު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންއާއި ގުޅިގެން 3 ކޯހެއް ފެށުމަށް ތައްޔާރުވަމުންނެވެ. އޭގެތެރޭގައި ހިމެނެނީ މާސްޓަރސް ފެންވަރުގެ ކޯހަކާއި ޑިގްރީ ފެންވަރުގެ 2 ކޯހެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއަރމަން، މުޝްތާގް ރަޝާދު ވިދާޅުވީ، މިކޯސްތައް ފެށުމަށް މިހާރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހުއްދަތައް ހޯދާފައިވާކަމަށެވެ. މީގެއިތުރުން މަޝްހޫރު ޔުނިވާސިޓީއަކާއެކު މަސައްކަތް ކުރަން ލިބުމަކީ އެވިޑް ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުއްނަށްވެސް އެތަކެއް މަޢުލޫމާތު ތަކެއް ފަހިވެގެންދާނެ ކަމެއްކަމަށް މުޝްތަގް ވިދާޅުވިއެވެ.

"މިހާރު ފެށުމަށް ތައްޔާރުވެފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ފައިނޭންސްއާއި، ބިޒްނަސްގެ ކޯސްތަކެއް. ވަރަށް އަވަހަށް އަޅުގަނޑުމެން އެޑިއުކޭޝަން، ލޯ އަދި އޭވިއޭޝަން ދައިރާގެ ކޯސްތައް ތަޢާރަފްކުރަން މިދަނީ މަސައްކަތްކުރަމުން." މުޝްތާގް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެވިޑް ކޮލެޖުން ދެމުންގެންދާ ޚިދުމަތް ފުޅާކުރުމާއި މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުންކަމަށް އެވިޑް ކޮލެޖުން ވިދާޅުވެއެވެ. އަދި ބޭރުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުން އެ ފަރާތްތަކުން ގެންގުޅޭ އުސޫލުތަކާއި އުކުޅުތައް ދަސްވުމުގެ އިތުރުން ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ލައިބްރަރީއަށް އެވިޑް ކޮލެޖްގެ ދަރިވަރުންނަށާއި މުވައްޒަފުން އެކްސެސް ލިބިގެންދިޔުމުގެ ފުރުސަތު ފަހިވެގެންދާކަން އެކޮލެޖުން ފާހަގަކުރައްވައެވެ.

ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށް ދިނުމަށް، އެވިޑް ކޮލެޖު އުފައްދާފައިވަނީ 2005 ވަނަ އަހަރު އެވިޑް ޓްރެއިނިން ސެންޓަރުގެ ނަމުގައެވެ. އެކޮލެޖުންވަނީ ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި އެތަކެއް ސަތޭކަ ކުދިންނަކަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދީފައެވެ.