ޚަބަރު

"ޕަތާން" ގެ ސީކުއަލްއެއް ހަދާނެކަމުގެ އިޝާރާތެއް ޝާހު ދީފި


މިދިޔަ ބުދަ ދުވަހު 57 ވަނަ އުފަން ދުވަސް ފާހަގަކުރި ބޮލީވުޑް ސުޕަރ ސްޓާ ޝާހުރުކް ޚާންގެ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމު "ޕަތާން" ގެ ސީކުއަލް އެއް ހަދާނެ ކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ޕަތާން" ގެ ސީކުއެލް އެއް ހަދަން އެންމެ ބޮޑު ސަޕޯޓެއް ދެވޭނީ ފޭނުންނަށް ކަމަށް ޝާހު ވަނީ ބުނެފައެވެ.

"އަހަރެން ވަރަށް އުންމީދުކުރަން މި ފިލްމު ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަންނާނެ ކަމަށް. އޭރުން މީގެ ދެވަނަ ބަޔަކާ އެކީ އަންނަން ވެސް ބޮޑު ހިތްވަރަކަށް ވާނެ" ޝާހްރުކް ބުންޏެވެ.


2018 ވަނަ އަހަރު ދެއްކި "ޒީރޯ" ގެ ބޮޑު ނާކާމިޔާބީއަށްފަހު، ޝަހު އެނބުރި ސްކްރީނަށް އަންނަ ފިލްމު "ޕަތާން" އަކީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް އިން ޕްރޮޑިއުސްކޮށް ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީމަހުގެ 25 ވަނަ ދުވަހުއެވެ.

"ޕަތާން" ގެ ސީކުއެލް އެއްގެ އިޝާރާތެއް ދިނުމުގެ އިތުރަށް އޭނާ ވަނީ އަމިއްލަ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، ޝާހު ކުޅެފައިވާ 2011 ވަނަ އަހަރު ދެއްކި ސުޕަރހީރޯ ފިލްމު "ރާ.ވަން" ގެ ސީކްއެލްއެއް ހަދަން ބޭނުންވާ ކަމަށް ވެސް ބުނެފައެވެ. އެކަމަކު އެ ހަދާނީ އޭގައި ކުޅުނު ޖީވަންގެ ކެރެކްޓާ ކުޅެން އެކަށިގެންވާ ވަރުގެ ޒުވާން "ކޫލް" އެކްޓަރަކު ލިބުމުން ކަމަށް ބުންޏެވެ.

"ރާ.ވަން" އަކީ ޝާހްރުކާއި ކަރީނާ ހިމަނައިގެން އަނޫބަވް ސިންހާ ޑައިރެކްޓްކުރި ފިލްމެކެވެ.

ޝާހުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ރާޖް ކުމާރު ހިރާނީ ޑައިރެކްޓުކޮށް ބަތަލާ ތާޕްސީ ޕަންނޫއާއިއެކު ފެންނަ ފިލްމު "ދުންކީ" އާއި އަތްލީ ޑައިރެކްޓުކޮށް ދެކުނު ތަރި ނަޔަންތްރާއާއިއެކު ޝާހު ފެންނަ ފިލްމު "ޖަވާން" ހިމެނެއެވެ.