ޚަބަރު

ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ، 2 މަސް ފަހުން މިބަލީގައި މީހަކުވަނީ ނިޔާވެފަ


ކޯވިޑް-19ގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު އިތުރުވާން ފަށައިފިއެވެ.

އެގޮތުން މިދިޔަ މަހުގެ ފުރަތަމަ ހަފްތާގައި ކޯވިޑް ޖެހިގެން 2 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާއިރު މިމަހުގެ ފުރަތަމަ ހަފްތާގައި 25 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މީގެއިތުރުން ދެމަސްފަހުން މިބަލީގައި މިދިޔަ ހަފްތާގައިވަނީ މީހަކު ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ދަށަށްދާން ފެށުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ކޭސްތަކުގެ ތަފާސްހިސާބު ޢާއްމުކުރަނީ ހަފްތާއަކު އެއްފަހަރުއެވެ. އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އަންނަނީ ކޮންމެ ހަފްތާއަކުވެސް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ޕޮޒިޓިވްވީ މީހުންގެ ޢަދަދު 40ގައި ހުރި އިރު މިމަހުގެ ފުރަތަމަ ހަފްތާގައި ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 90 އަށް އަރާފައެވެ. އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ހޮސްޕިޓަލްގައި ފަރުވާ ދީފައިވަނީ 2 މީހަކަށެވެ. އެހެންނަމަވެސް މިމަހުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް 25 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.


ބަލިފެތުރޭ ނިސްބަތް އިތުރުވެފައިވަނީ މާލެ ސަރަޙައްދުގައެވެ. މާލެ ސަރަޙައްދުގައި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ޕޮޒިޓިވްވެފައިވަނީ 19 މީހެކެވެ. މިމަހުގެ ފުރަތަމަ ހަފްތާގައި މާލެ ސަރަޙައްދުންވަނީ 43 މީހަކު ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްރަށާއި ސަފާރީތަކުން ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 45 އަށް އިތުރުވެފައެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 185454 އަށް އަރާފައެވެ.


ކޯވިޑްގެ ކޭސްތައް ރާއްޖޭގައި މަޑުމަޑުން އިތުރުވަމުން އަންނައިރު މިދިޔަ ހަފްތާގައިވަނީ މިބަލީގައި މީހަކު ނިޔާވެފައެވެ. އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ، ހުޅުމާލޭގައި ހުންނަ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ކޯވިޑުން ދިފާޢުވުމަށް ވެކްސިންދިނުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ކޯވިޑް ދިފާޢުގެ ފުރަތަމަ ޑޯޒް 399140 މީހުންވަނީ ޖަހާފައެވެ. ދެވަނަ ޑޯޒް 385050 މީހުންވަނީ ޖަހާފައެވެ. ބޫސްޓަރގެ ފުރަތަމަ ޑޯޒް 167132 މީހުން ޖަހާފައިވާއިރު ބޫސްޓަރގެ ދެވަނަ ޑޯޒް 1381 މީހުންވަނީ ޖަހާފައެވެ.

ކޯވިޑްގެ ކޭސްތައް މިދުވަސްވަރު އިތުރުވަމުން އަންނައިރު މޫސުމީ އެކި ރޯގާތައްވެސްވަނީ އިތުރުވެފައެވެ. މިގޮތުން ޑެންގީ ކޭސްތައްވަނީ އިތުރުވެފައެވެ. ހުމާއި ރޯގާތަކުން ރައްކާތެރިވުމަށް ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުމަކީ ރައްކާތެރިކަމަށް ކުރެވޭނެ މުހިއްމުކަންކަމެވެ. މީގެއިތުރުން ޑެންގީއިން ރައްކާތެރިވުމަށް މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށް މަސައްކަތް ކުރަންޖެހެއެވެ.