ޚަބަރު

ހއ.އަތޮޅުގެ 7 ރަށަކަށް ކައުންސިލުން މާލީ އެހީ


ރަށްރަށުގެ އިޖްތިމާއީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ހއ އަތޮޅުގެ ހަތް ރަށަކަށް މާލީ އެހީ ދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

ހއ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ތެރޭގައި އަތޮޅުގެ ހަތް ރަށަކަށް މި މާލީ އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެހީގެ ގޮތުގައި ކޮންމެ ރަށަކަށް ލައްކައެއް ދޭން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ބުނިގޮތުގައި އެހީ ދޭ ހަތް ރަށް ކަނޑައަޅާނީ އެ ރަށްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށް ފަހުގައެވެ. އެހެންކަމުން ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރަށް އެ ރަށެއްގައި ހިންގާ ކްލަބް ޖަމިއްޔާތަކާއި، ސަރުކާރު އިދާރާތަކަށް މިހާރު ވަނީ ރަށުގެ އިޖްތިމާއީ ތަރައްގީއަށް ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ލިބިދޭ ބާރުގެ ތެރެއިން އެރަށަކާއި އަތޮޅެއްގެ އިހްތިސާސްގެ ތެރެއިން ތަރައްގީއަށް އެކި މަޝްރޫއުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. އަދި އެ މަޝްރޫޢުތަކުގެ ފައިދާ ކައުންސިލްތަކަށް ލިބިދޭ ގޮތަށް ހިންގުމުގެ ބާރުވެސް ކައުންސިލްތަކަށް އޮވެއެވެ.