އަބީޝެކް ބައްޗަން އެންމެ ފަހުން ފެނުނީ އޯޓީޓީގެ ޝޯވ "ބްރީތު ސީޒަން 3" އިންނެވެ. ބޮޑު ސްކްރީނުން ނުފެންނަތާ ދުވަސްތަކަކަށްފަހު އަބީޝެކް މިހާރު އަންނަނީ ބޮޑު ސްކްރީނުން ފެންނަން ތައްޔާރުވަމުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަބީޝެކްގެ މިފަހަރުގެ ފިލްމަކީ ނިކިލް އަދުވާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ތަމަޅަ ފިލްމު "ކޭޑީ" ގެ ހިންދީ ރީމޭކް ހަދަނީ ނިކިލްގެ އެމޭ އެންޓަޓެއިންމަންޓުގެ ބެނާގެ ދަށުންނެވެ. މީގެ ޑައިރެކްޓަރަކީ 2019 ވަނަ އަހަރު ދެއްކި އޮރިޖިނަލް ތަމަޅަ ފިލްމުގެވެސް ޑައިރެކްޓަރު މަދުމިތާ ސުންދަރާމަން އެވެ.
ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ފަށާފައިވާ މި ފިލްމުގެ ޝޫޓިން އަންނަ އަހަރު ޖެނުއަރީމަހު އިންޑިއާގެ ބޯޕާލް ގައި ފަށާނެއެވެ.
"ކޭޑީ" އަކީ އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖަކާއި ދެމެދު އުފެދޭ އާދަޔާ ޚިލާފު ގުޅުމެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގައި އަބީޝެކް ކުޅޭނީ އޮރިޖިނަލް ފިލްމުގައި މޫ ރާމަސުވާމީ ކުޅުނު ރޯލެވެ. މި ފިލްމުގައި ފެންނަނީ އުމުރުން ދުވަސްވީ މީހަކު ކުއްލިއަކަށް ކޯމާއިން ތެދުވެ އޭނާގެ އާއިލާއިން އޭނާ މަރާލަން ރޭވުންތައް ރޭވި އަޑު އިވުމުން އޭނާ ފިލައިގެން ގޮސް އެންމެ ފަހުން އަށް އަހަރުގެ ޔަތީމު ކުއްޖަކާ ބައްދަލުވާތަނެވެ.
ދެ މަހުގެ މުއްދަތަކަށް ޝޫޓިންތައް ކުރިއަށް ގެންދިއުމަށްފަހު އަންނަ އަހަރު މެދުތެރޭގައި ފިލްމު ރިލީޒްކުރަން ވަނީ ތާވަލުކޮށްފައެވެ. މި ފލްމުގެ އިތުރުން މީގެކުރިންވެސް އަބީޝެކް ވަނީ ތަމަޅަ ފިލްމު "އޮއްތާ ސެރުއްޕާ ސައިޒް 7" ކުޅެން ސޮއިކޮށްފައެވެ.
އަބީޝެކްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ޔަމީ ގޯތަމް އައި ނިމްރަތް ކޯރް އާއެކު އަބީޝެކް ފެންނަ ފިލްމު "ދާސްވީ"، ތަމަޅަ ފިލްމު "އޮއްތާ ސެރުއްޕާ ސައިޒް 7" ގެ ހިންދީ ރީމޭކް، "ހަންގާމާ" ގެ ޑައިރެކްޓަރު ޕްރިޔަދަރްޝަން ޑައިރެކްޓުކުރާ ކޮމެޑީ ފިލްމު "ބައްޗަން ސިންގް"، ޕްރަބޫ ދޭވާ ޑައިރެކްޓުކުރާ ކޮމެޑީ ފިލްމު "ލެފްޓީ" އަދި ސިފައިންގެ މީހެއްގެ ރޯލުން އަބީޝެކް ފެންނަ ފިލްމު "ދޫމް 4" ހިމެނެއެވެ.