ޚަބަރު

ފަޔަރ ރެސްޕޮންސް ޓީމެއް އެކުލަވާލައި، އަލިފާން ނިވާ ސިސްޓަމެއް ތޮއްޑުއަށް


އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ޙަރަކާތްތެރިވާނެ "އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އއ.ތޮއްޑޫގައި އިފްތިތާޙުކޮށްފިއެވެ.

ތޮއްޑޫގައި މި ޓީމް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މަރިޔާ އަޙްމަދު ދީދީއެވެ.

"އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އަކީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގުޅިގެން، ތޮއްޑޫގައި ކުރިއަށްގެންދިޔަ "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރސް" ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާއެކު އެކުލަވާލާފައިވާ ޓީމެކެވެ. ނޮވެމްބަރު މަހުގެ 12 އިން 18 އަށްގެންދިޔަ މި ޕްރޮގްރާމްގައި ތޮއްޑޫއިން 8 ފިރިހެނުންނާއި 3 އަންހެނުންވަނީ ބައިވެރިވެފައެވެ.

ފަޔަރ ރެސްޕޮންސް ޓީމް އެކުލަވާލުމަށްފަހު އެމްއެންޑީއެފްއިން ވަނީ އެރަށަށް އަލިފާން ނިވާ ސިސްޓަމެއް ހަދިޔާކުރައްވާފައެވެ. އެމްއެންޑީއެފްގެ ފަރާތުން މިސިސްޓަމް ތޮއްޑޫ ކައުންސިލްއާއި ޙަވާލުކޮށްދެއްވީ މިނިސްޓަރ މާރިޔާއެވެ. އަދި ކައުންސިލްގެ ފަރާތުން މި ސިސްޓަމާއި ޙަވާލުވެލެއްވީ އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިޕްރޮގްރާމްގައި ބައިވެރިންނަށް، ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގުއިޝަރސް، ރޯޕްސް އެންޑް ނޯޓްސް، އިނސިޑެންޓް ކޮމާންޑް ސިސްޓަމް، ފަޔަރ ހޯސް ނޮޒްލްސް އެންޑް އެޕްލަޔަންސެސް، ޕަމްޕްސް އެންޑް ޕްރައިމަރސް، ފަޔަރ ސްޓްރީމް، ވިކްޓިމް ކެރީންގ މެތަޑްސްގެ އިތުރުން ޑިފެންސިވް ފަޔަރ ފައިޓިންގ ބައިތައް ވަނީ ކިޔަވައިދީފައެވެ. މިޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ މާރިޔާއެވެ.

އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާއި ގުޅޭގޮތުން ތޮއްޑޫގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރޭގައި އެރަށު ސްކޫލްގެ 80 ބެލެނިވެރިއަކަށް ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ޙާދިސާއަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދީ ހޭޅުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި މެރިން ކޯރގެ ކޮމާޑަންޓް ބްރިގޭޑިއާ ޖެނެރަލް ވައިޘް ވަޙީދާއި ކޯސްޓް ގާޑް ކޮމާޑަންޓް ކާނަލް އިބްރާހިމް ޙިލްމީއާއި މާލޭ އޭރިއާގެ ކޮމާންޑުގެ ކޮމާންޑަރ ކާނަލް އަޙްމަދު ޣިޔާޘްއާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެމެމްބަރު ޙުސެއިން ޝަހީމާއި ހިތަދޫ އުތުރު ދާއިރާގެ މްމެބަރު މުޙައްމަދު އަސްލަމާއި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.