ޚަބަރު

ކައިވެންޏަށް ވަގުތު ދޭން ރަންވީރު ދުވާލަކު ވިހި ގަޑިއިރު ޝޫޓްކުރި


ބޮލީވުޑް ތަރި ރަންވީރު ސިންގް އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އޭނާހެ ކުރިއަށް އޮތް ފިލްމު "ސާކަސް" ގެ ޓްރެއިލާ މިދިޔަމަހުގެ 26 ވަނަ ދުވަހު އާންމުކޮށްފައިވާއިރު، ޓްރެއިލާ އަށް ވަނީ ގިނަ ބައެއްގެ ތަރުޚީބު ލިބިފައެވެ.

ރޯހިތު ޝެޓީ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި ރަންވީރު ފެންނާނީ ޑަބަލް ރޯލުންނެވެ. ރޯހިތު އާއި ރަންވީރު ވަނީ މީގެކުރިން "ސިމްބާ" ގައިވެސް މަސައްކަތް ކޮށްފައެވެ. "ސާކަސް" ގެ ޓަރެއިލާ ލޯންޗް ކުރި ހަފްލާގައި ރޯހިތު ބުނިގޮތުގައި ރަންވީރަކީ މަސައްކަތަށް ވަރަށް ކަމޭހިތާ މީހެކެވެ. "ސިމްބާ" ޝޫޓް ކުރިއިރު ދުވާލަކު 20 ގަޑިއިރު ރަންވީރު ވަނީ ޝޫޓްކޮށްފައި ކަމަށާއި އޭގެ ކުރިއަށް އޭނާގެ ކައިވެނި އޮތް ކަމަށްވެސް ރޯހިތު ބުންޏެވެ.

ރަންވީރާއި އަންހެނުން އަދި ބޮލީވުޑްގައި މިހާރު ހުރި އެންމެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑްކޯނާއި ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު 14 ވަނަ ދުވަހުއެވެ.

ކުރިއަށް އޮތް ފިލްމު "ސާކަސް" ގައި ރަންވީރުއާއެކު ދީޕިކާވެސް ފެންނާނެއެވެ. މި ފިލްމުގައި ދީޕިކާ ފެންނާނީ ޚާއްސަ ލަވައަކުންނެވެ. "ޕަދްމާވަތް"، "ބާޖިރާއޯ މަސްތާނީ"، "ގޯލިޔޯން ކީ ރާސްލީލާ – ރާމް ލީލާ" އަދި "83" އިންވެސް ދީޕިކާ އާއި ރަންވީރު ވަނީ އެކުގައި ފެނިފައެވެ.

"ސާކަސް" އަކީ މަޝްހޫރު އިނގިރޭސި އަދީބް ޝޭކްސްޕެއާގެ ފްލޭއެއް ކަމަށްވާ "ކޮމެޑީ އެރާސް" އަށް ބިނާކޮށް ހަދާފައިވާ ޕީރިއަޑް ކޮމެޑީ ފިލްމެކެވެ. "ސާކަސް" ގައި ރަންވީރު އާއި ވަރުން ފެންނާނޫ ޑަބަލް ރޯލުތަކުންނެވެ.

އަންނަ މަހުގެ 23 ގައި ބެލުންތެރިންނަށް ދޫކޮށްލާ މި ފިލްމުގެ ބަތަލާއިންނަކީ ޖެކްލީން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭއެވެ. "ސާކަސް" ގެ ކާސްޓުން ޖޯނީ ލީވާ، ސަންޖޭ މިޝްރާ، މުކޭޝް ތިވާރީ، މުރާލީ ޝަރުމާ، ސިދާތާ ޔާދަވް އަދި ޓިކޫ ތަލްސާނިއާ ފަދަ ފަންނާނުންވެސް ފެންނާނެއެވެ. މީގެ އިތުރުން ފިލްމުގެ ޚާއްސަ ފެނިލުންތަކުން ރަންވީރުގެ އަންހެނުން ދީޕިކާއާއި، ރޯހިތުގެ ފެވަރިޓް އަދި ގާތް އެކުވެރިޔާ އަޖޭ ދޭވްގަންވެސް ފެންނާނެއެވެ.

"ސާކަސް" އަކީ މި އަހަރު ރިލީޒްކުރި "ޖަޔޭޝްބާއީ ޖޯރުދާރު" އަށް ފަހު ރިލީޒްވާ ރަންވީރުގެ ދެވަނަ ފިލްމެވެ. ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ "ސޫރިއަވަންޝީ" އެވެ.