ޚަބަރު

"ޖޯކާ 2" ގެ ފުރަތަމަ ލުކް ދައްކާލައިފި


އިޢުލާނުކުރީއްސުރެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ ޑީސީގެ މަޝްހޫރު ވިލަން "ޖޯކާ"ގެ ކެރެކްޓާ އަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައި "ޖޯކާ 2" ގެ ފުރަތަމަ ލުކް ދައްކާލައިފިއެވެ.

"ޖޯކާ 2: ފޮލީ އަ ޑޫ" ގެ ނަން ދީފައިވާ މި ފިލްމުގެ ފަސްޓު ލުކް ދައްކާލާފައި ވަނީ މި ފިލްމުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް އޭނާގެ ސޯޝަން މީޑިއާގައެވެ. މީގައި ފެންނަނީ ފިލްމުގެ ލީޑް އެކްޓަރު ވާކީން ފީނިކްސް ލޯ މަރާލައިގެން އޮށޯވެގެން އޮއްވައެވެ. އަދި މި ފޮޓޯއާއި އެކު ވާކިން އެހެން ކެރެކްޓާއަކަށް ބަދަލުވެފައި ހުއްޓައި ފެންނަ ފޮޓޯއެއްވެސް ޓޮޑް ވަނީ އާންމުކޮށްފައެވެ.

މި ފިލްމުގައި ޓައިޓްލް ރޯލު ނުވަތަ ޖޯކާގެ ރޯލުން ވާކީން ފީނިކްސް ފެންނައިރު، މީގެ ރޯލަކަށް ލަވަކިޔުންތެރިޔާ ލޭޑީ ގާގާވެސް ވަނީ ހަމަޖައްސާފައެވެ. ގާގާ ފެންނާނީ ޖޯކާގެ ލޯބިވެރިޔާ ހާލީ ކުއިންގެ ރޯލުންނެވެ.

ގާގާ މި ފިލްމަށް ސޮއިކުރުމާއިއެކު، އެންމެ ގަދަޔަށް ދެކެވުނު ވާހަކަ އަކީ ގާގާގެ މުސާރައިގެ ވާހަކައެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު ގާގާ ކުޅެދެނީ 10 މިލިއަން އެމެރިކާ ޑޮލަރަށެވެ. ގާގާގެ އިތުރުން ވާކީން އަށާއި ފިލްމުގެ ޑައިރެކްޓަރު ޓޮޑް އަށްވެސް 20 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެއް ލިބޭނެއެވެ.

2019 ވަނަ އަހަރު ރިލީޒްކުރި އޮރިޖިނަލް ފިލްމު "ޖޯކާ" ކުޅެގެން ވާކީން އަށް ލިބުނީ 4.5 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެކެވެ. "ޖޯކާ" އަކީ ބޮކްސް އޮފީހުގައި 107 ބިލިއަން އެމެރިކާ ޑޮލަރު ހޯދި ކާމިޔާބު ފިލްމެކެވެ.

ޖޯކާގެ ސީކުއެލްއާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އަންނަނީ ޓޮޑް އާންމުކުރަމުންނެވެ. އަދި ކުރިއަށް އޮތް ފިލްމަކީ މިއުޒިކަލް ފިލްމަކަށްވުން އެކަށީގެންވާ ކަމަށް ޓޮޑް މީގެކުރިން ވަނީ އިޝާރާތްކޮށްފައިވެއެވެ.

2020 ވަނަ އަހަރުގެ އޮސްކާގެ 2 އެވޯޑު "ޖޯކާ" ވަނީ އުފުލާލާފައެވެ. މި ފިލްމުން ވާކީންއަށް ވަނީ އެ އަހަރު އޮސްކާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.

"ޖޯކާ" ހީވެސް ނުކުރާ ވަރުގެ ބޮޑު ހިޓަކަށްވެގެން ދިޔައިރު ޓޮޑް އަކީ މީގެ ކުރިން ވެސް ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ދަ ހޭންގްއޯވާ" ޓްރިލޮޖީ އާއި "ވޯ ޑޯގްސް" އަދި "އޯލްޑް ސްކޫލް" ހިމެނެއެވެ.