ޚަބަރު

ގިރާވަރު ފަޅު "ރެސިޑެންޝަލް ސިޓީ"އަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަނީ


ކްރޮސް ސަބްސިޑީ އުސޫލުން ގިރާވަރުފަޅު ތަރައްޤީކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިޢުލާންކޮށްފިއެވެ.

"ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގެ ދަށުން މި މަޝްރޫޢުގައި ފައިނޭންސް ކުރުމަށް ހުޅުވާލާފައިވަނީ ގިރާވަރު ފަޅުގައި ގެދޮރުވެރިކުރުވުމަށް "ރެސިޑެންޝަލް ސިޓީ"އެއް ތަރައްޤީކުރުމަށެވެ.

ގިރާވަރު ފަޅު ހިއްކާ އެތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޢުދެކެވެ.

މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކާ އެ ބިމުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ބިޔަ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ ފަޅު ހިއްކާ، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގިރާވަރު ފަޅުން 2000 ގޯތި ދޫކުރާނެކަމަށެވެ. މިހާތަނަށް ސަރުކާރުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އެ ފަޅުން ހިއްކާ ބިން ޚާއްސަކުރާނީ ގެދޮރުވެރިކުރުމުގެ މަޝްރޫޢު ހިންގުމަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިޢުލާންކޮށްފައިވަނީ، ގިރާވަރު ފަޅުގައި ރެސިޑެންޝަލް ސިޓީއެއް ތަރައްޤީކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށެވެ. ކްރޮސް ސަބްސިޑީ އުސޫލުން، މިކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ކުންފުނިތަކަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ގެޒެޓްގައި ޝާއިޢުކޮށްފައިވާ ފޯމް މެދުވެރިކޮށް، އެކްސްޕެރެޝަން އޮފް އިންޓްރެސްޓް ހުށައެޅޭނެއެވެ. މި ފުރުޞަތު ހުޅުވާލާފައި އޮތީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ބޯހިޔާވަހި ކަމަށް ޢަމާޒުކޮށް މާލެ ސަރަޙައްދުގައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރިޔާސީ ބަޔާނުގައި ރައީސް އިޢުލާންކުރެއްވީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް މި ސަރަޙައްދުން 5000 ގޯތި ދޫކުރުމަށެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 ބިމާއި، ގުޅީފަޅުން 2000 ބިން އަދި ގިރާވަރު ފަޅު ހިއްކާ އެތަނުން 2000 ގޯއްޗެވެ.

މީގެތެއިން ހުޅުމާލެއާއި ގުޅީފަޅުން ދޫކުރާ 3000 ބިމަށް ހުޅުވާލީ މިއަހަރުގެ ޖޫންމަހުއެވެ. ސެޕްޓެމްބަރުމަހަށް މުއްދަތު ހަމަވިއިރު، މި ބިންތަކަށް އެދި 15000އަށްވުރެ ގިނަ ފޯމު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށައަޅާފައިވެއެވެ. މި ބިންތައް ލިބުނު މީހުންގެ ލިސްޓު ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.

މީގެއިތުރުންވެސް ފްލެޓް ދޫކުރުމުގެ މަޝްރޫޢުއެއްވެސް އަންނަނީ ހިންގަމުންނެވެ.